ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާގެ އާރުއައިއެކްސް (ރިޒް) ކުންފުނީގެ މައްޗަށް ތުހުމަތު ކުރެވޭ ހިއުމަން ޓްރެފިކިންގެ މައްސަ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

އެ ކުންފުންޏަކީ ބ. ބޮޑުފިނޮޅުގައި ރިސޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކުންފުންޏެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ އެކުންފުނީގެ މައްސަލަ އެ އޮފީހަށް ހުށަހަޅާފައި ވަނީ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހު ކަމަށާއި މައްސަލަ ދިރާސާ ކުރަމުން އަންނަ ކަމަށެވެ.

އަދި އެ މައްސަލައިގައި މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ އާއި އިތުރު ދެ މީހެއްގެ މައްޗަށް ދައުވާކޮށްދޭން އެދިފައިވާ ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.

ބޮޑުފޮނޮޅުގައި މަސައްކަތް ކުރާ ބިދޭސީންނަށް މުސާރަ ނުދީގެން މިދިޔަ ޖުލައި މަހުގެ ތެރޭގައި އެ ބިދޭސީންތައް ވަނީ ހަޅުތާލުކޮށްފަ އެވެ. އެ އިހްތިޖާޖުގައި ހަމަނުޖެހުން ހިންގައި ދިވެހީންތަކެއް ރަހީނުކޮށް، ރަށުގައި ހުރި ތަންތަނަށާއި، ހެވީ މެޝިނަރީތަކަށާއި، ވޯޓާ ޕައިޕްލައިން ތަކަށާއި، އެހެނިހެން ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ދީފައިވެ އެވެ.

އެ މައްސަލައާ ގުޅިގެން 19 ބިދޭސީއަކު ހައްޔަރުކުރުމަށްފަހު ފަހުން ވަނީ ދޫކޮށްލާފަ އެވެ. މިހާރު އެ މީހުން ތިބީ އިމިގްރޭޝަންގެ ބެލުމުގެ ދަށުގަ އެވެ.