އޯޓީޓީ ޕްލެޓް ފޯމް ޖިއޯ ސިނަމާއިން ދައްކަމުންދާ މަގުބޫލު ރިއަލިޓީ ޝޯ "ބިގްބޮސް އޯޓީޓީ" ގެ ދެ ވަނަ ސީޒަންގެ ބައިވެރިއެއް ކަމަށް އަބީޝެކް މަލްހާން އަކީ ދޮގުވެރިއެއް ކަމަށް އިންޑިއާގެ ޓީވީ ތަރި އުރްފީ ޖާވިދް ބުނެފި އެވެ.

އުރްފީ ޖާވިދް އަކީ "ބިގްބޮސް އޯޓީޓީ" ގެ ފުރަތަމަ ސީޒަންގެ ބައިވެރިއެކެވެ.

ޔޫޓިއުބުގައި ފުކްރާ އިންސާންގެ ނަމުން މަޝްހޫރުވެފައިވާ އަބީޝެކް އާ ބެހޭ ގޮތުން އުރްފީ ވަނީ އޭނާގެ އިންސްޓަގްރާމްގައި ވީޑިއޯއެއް ހިއްސާކޮށްފަ އެވެ. އެވީޑިއޯގައި އަބީޝެކް ބުނެފައިވަނީ އުރުވާޝީ ރައުޓެލާއާ އެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބުނު ކަމަށާއި އެހެން ނަމަވެސް މުސާރަ ނުލިބޭ ކަމަކަންވާތީ އެމަސައްކަތް ދޫކޮށްލީ ކަމަށެވެ. އަދި އުރްފީއާއެކު ވީޑިއޯއެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބުނު ކަމަށްވެސް އަބީޝެކް ވަނީ ބުނެފަ އެވެ. އަދި އެފުރުސަތުވެސް އޭނާ ދޫކޮށްލި ކަމަށް އެވީޑިއޯގައި ބުނެ އެވެ.

މިކަމާ ބެހޭ ގޮތުން އުރްފީ ބުނީ މީގެ ކުރިން އަބީޝެކް މަލްހާންއަކީ ކާކު ކަމެއް ނޭނގޭ ކަމަށެވެ. އަދި އޭނާއަކީ ކާކުކަށް އިނގުނީ "ބިގްބޮސް އޯޓީޓީ 2" ގެ ސަބަބުން ކަމަށްވެސް އުރްފީ ބުންޏެވެ.

"އަހަރެން ހިތަށް އަރަނީ ކީއްވެގެންތޯ އޭނާ ދޮގު ހަދަނީ. ދުވަހަކުވެސް އެފަދަ މިއުޒިކް ވީޑިއޯއެއް ނެތް!" އުރްފީ ބުންޏެވެ.

އުރްފީ ކޮށްފައިވާ ޕޯސްޓް

މިފަހަރުގެ "ބިގް ބޮސް އޯޓީޓީ" އަކީ ހީކުރި ވަރަށް ވުރެ ކާމިޔާބު ރިއަލިޓީ ޝޯއަކަށް ވަނީ ވެފަ އެވެ. ސަބަބަކީ މި ޝޯގެ ބައިވެރިން މިފަހަރު މާ ވަރުގަދަ ގޭމެއް ކުޅެމުންދާތީ އެވެ. އެއީ ހަސަދައާއި ދުޝްމަންކަން އަދި އެކަކު އަނެކަކަށް ލަނޑުދިނުމާއި ރޮމޭންސްކުރުން ވެސް މިފަހަރުގެ ޝޯގެ ބައިވެރިންގެ މެދުގައި ވަރަށް މައްޗަށް އޮތީމަ އެވެ.

އެގޮތުން އަބީޝެކްއަކީވެސް ބިގްބޮސް ގޭގައި މުހިއްމު ބައިވެރިއެކެވެ. މިދިޔަ ހަފްތާގައި އޭނާ ނޮމިނޭޓްވި ނަމަވެސް ވަނީ ސަލާމަތްވެފަ އެވެ. އޭނާ އަކީ މިހަފްތާގެ ކެޕްޓަން އެވެ.

މިހަފްތާގެ "ވީކެންޑް ކާ ވާރު"ގައި ސަލްމާން ޚާން ވަނީ އަބިޝެކް މަލްހާނަށް ތައުރީފުކޮށްފަ އެވެ.