ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލައިގެ މިއަދު ބޭއްވުމަށް ތާވަލުކުރި އަޑުއެހުމުގެ ޝަރީއަތް ވެސް ކެންސަލްކޮށްފި އެވެ.
މިމައްސަލާގެ ޝަރީއަތްތައް އީދު ބަންދަށް ފަހު ފުލުފުލުގައި ކުރިއަށް ގެންދިޔުމަށް ކްރިމިނަލް ކޯޓުން ތާވާލުކުރި ނަމަވެސް ޝަރީއަތް ފެށޭނެ ގޮތް ވަނީ ނުވެފަ އެވެ.
ކްރިމިނަލް ކޯޓުން މިއަދު ތާވަލުކުރި ޝަރީއަތް ވަނީ ކެންސަލްކުރަން ޖެހިފަ އެވެ. އެއީ މިމައްސަލާގައި ދައުވާ ލިބޭ އަހުމަދު ކްރިކް ރިޒާ ބަލިވެ އުޅޭތީ އެވެ. ދެން މިމައްސަލާގެ ޝަރީއަތެއް ބޭއްވުމަށް ނިންމާފައިވަނީ މިމަހުގެ ނުވަ ވަނަ ދުވަހަށެވެ.
ފުއްގިރި މައްސަލާގައި ކްރިކް ރިޒާގެ އިތުރުން ދައުލަތުން ދައުވާކޮށްފައިވަނީ ކުރީގެ ރައީސް ޔާމީން އާއި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން، އަދި ސަން އިންވެސްޓްމަންޓްގެ މައްޗަށެވެ
ރައީސް ޔާމީންގެ މައްޗަށް އުފުލާފައި ވަނީ މަނީ ލޯންޑަރިން އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އެވެ. ރިޒާގެ މައްޗަށް ކުރަނީ މަނީ ލޯންޑަރިން އަދި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށް ވުމުގެ ދައުވާ އެވެ. ސަންގެ ދެ ކުންފުނީގެ މައްޗަށް ކޮށްފައި ވަނީ މަނީ ލޯންޑަރިންގެ ދައުވާ އެވެ.
މި މައްސަލައިގައި ކްރިމިނަލް ކޯޓުގައި މިހާރު ކުރިއަށްދަނީ ދައުލަތުގެ ހެކިބަސް ނެގުމުގެ މަރުހަލާ އެވެ. އެގޮތުން ކުރީގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ހިޔާނާތް ހިންގި ދުވަސްވަރު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި ޒިޔަތު ހިމެނޭހެން މިހާތަނަށް ވަނީ ފަސް މީހެއްގެ ހެކިބަސް ނަގައިފަ އެވެ.
މި މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ހެކިބަސް ނެގީ ކްރިކް ރިޒާގެ ފިންގާ ޕްރިންޓް ތަހުލީލު ކުރި އޮފިސަރުގެ ހެކިބަ ހެވެ.
ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން އުފުލި ދެ ދައުވާ ސާބިތުވެ ޔާމީން މިހާރު ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންގީޒު ކުރައްވަމުންނެވެ.