ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ "ވިނަރެސް" ފްލެޓް ލިބުނު މީހުންނަށް މިމަސް ނިމުމުގެ ކުރިން ތަޅުދަނޑި ހަވާލުކުރާނެ ކަމަށް އާބަންކޯއިން ބުނެފި އެވެ.

އާބަންކޯއިން ބުނީ ވިނަރެސް ފްލެޓު ލިބުނު މީހުންނަށް މި މަސް ނިމުމުގެ ކުރިން ތަން ހަވާލުކުރާނެ ކަމަށެވެ.

ވިނަރެސް ފްލެޓް ލިބުނު މީހުންނާ އެކު އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް އާބަންކޯއިން މިހާރުވެސް ކުރިއަށް ގެންދާއިރު ވިނަރެސް ފުލެޓަށް ހޮވުނީ މާލޭގައި ރަޖިސްޓްރީ ނުވެ ދިރިއުޅޭތާ 15 އަހަރު ވެފައިވާ ކެޓަގަރީން 1،094 މީހުންނާއި، މާލޭގައި ރަޖިސްޓްރީވިތާ 15 އަހަރު ވެފައިވާ މީހުންގެ ކެޓަގަރީން 267 މީހުންނެވެ.

ވިނަރެސް މަޝްރޫޢުއިން ފްލެޓް ލިބޭ ފަރާތްތަކާއެކު އެގްރީމެންޓް އެކުލަވާލުމުގެ މަސައްކަތް އާބަންކޯއިން މިހާރު ފަށާފައިވާއިރު، އެންމެ ފުރަތަމަ ސޮއިކުރަން ފަށާފައިވަނީ ގުޅީފަޅުން ފްލެޓް ދޫކޮށްލި ފަރާތްތަކުގެ ތެރެއިން މި މަޝްރޫއުއިން ފްލެޓް ލިބޭ ފަރާތްތަކާއެކު އެވެ.

ވިނަރެސް އިން ހައުސިން ޔުނިޓުތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ގުޅީފަޅު، ސީލައިފް އަދި ހިޔާ ފްލެޓުން ލިބުނު ޔުނިޓު ދޫކޮށްލި ފަރާތްތަކަށާއި، އާންމުންގެ ތެރެއިން ހޮވުނު ފަރާތްތަކަށެވެ. އާންމުންނަށް ލިބޭ ފްލެޓްގެ އަދަދު މުޅިން ސާފުވާނީ ގުޅީފަޅު، ސީލައިފް އަދި ހިޔާ ފްލެޓުން ލިބުނު ޔުނިޓު ދޫކޮށްލި ފަރާތްތަކުގެ ތެރެއިން ވިނަރެސްއަށް ފްލެޓް ބަދަލުކުރި ފަރާތްތަކުގެ އަދަދު ސާފުވުމުންނެވެ.

ވިނަރެސް އަކީ 13 ބުރީގެ 10 ޓަވަރު ހިމެނޭ ގޮތަށް ތިން ކޮޓަރީގެ 1،344 ފްލެޓް ހިމެނޭ ހައުސިން މަޝްރޫއެކެވެ. އެ ފްލެޓްތައް ވިއްކަނީ 2.5 މިލިއަން ރުފިޔާ އާއި 2.7 މިލިއަން ރުފިޔާއާ ދެމެދުގެ އަގުތަކެއްގަ އެވެ.

ވިނަރެސް ފްލެޓްތައް އަޅާފައި ވަނީ ކުރީ ސަރުކާރުން ޗައިނާގެ މެޝިނަރީ އިންޖީނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ)އާ ހަވާލުކޮށްގެންނެވެ. އެ ފްލެޓުތައް ނިންމައި އެޗްޑީސީއާ ހަވާލުކުރީ މިދިޔަ ޖޫން މަހުގެ 20 ވަނަ ދުވަހު އެވެ.