މާލޭގައި އެންމެ ބޮޑަށް ތޮއްޖެހިފައި ވަނީ މާފަންނު މެދު ދާއިރާ ކަމަށް ޕީޕީއެމްގެ ފަރާތުން މާލެ ސިޓީ ކައުންސިލަށް ވާދަކުރައްވާ އަހުމަދު ނަރީޝް މިރޭ ވިދާޅުވެއްޖެ އެވެ.

އިދިކޮޅު މައި ޕާޓީ، ޕީޕީއެމް އޮފީހުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ނަރީޝް ވިދާޅުވީ އޭނާގެ ދާއިރާއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށެވެ. އަދި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލޭ ފޭސް ދޭއްގައި ތަރައްގީކުރި 7،000 އަށް ވުރެ ގިނަ ފްލެޓްގެ ތެރެއިން އެ ދާއިރާގެ ފްލެޓް ލިބުނު ގިނަ ފަރާތްތައް މި ސަރުކާރުން މަހުރޫމްކޮށް، ފްލެޓްތައް ފޭރިގެންފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މީގެ ހަފްތާއެއް ކުރިން އަޅުގަނޑު ދާއިރާގެ ފްލެޓް ގެއްލުނު ބައެއް ފަރާތްތަކުގެ ގެތަކަށް ޒިޔާރަތް ކުރިން. ފެނުނީ ކުޑަކުޑަ ކޮޓަރިތަކުގައި މަތި މައްޗަށް އެނދު ޖަހާލައިގެން ޑިއުޓީ ބަހައިގެން ނިދަމުން ދިޔަ މަންޒަރު،" ނަރީޝް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބޯހިޔާވަހިކަން ނެތް ބައެއް މީހުންގެ ފްލެޓް މި ސަރުކާރުން ފޭރިގަތީ ކަމަށެވެ. އަދި މި ސަރުކާރުން ވެރިކަމަށް އައީ 20،000 ހައިސިން ޔުނިޓް އަޅަން ވައުދު ވެގެން ކަމަށް ވެސް ނަރީޝް ވިދާޅުވި އެވެ.

"މި ސަރުކާރަށް 788 ދުވަސް ވެގެން ދިޔައިރު އެންމެ ފާޚާނާ ތައްޓެއް ވެސް މާލޭ ރައްޔިތުންނަށްޓަކައި ބަހާއްޓާނުލެވުނު،" އޭނާ ވިދާޅުވި އެވެ.