ކުންފުނީގެ އެކައުންޓުން އަމިއްލަ އެކައުންޓަށް ފައިސާ ޖަމާކުރެވޭނެ ގޮތެއް ނޯންނާނެ ކަމަށާއި އެކުންފުނިން ވައްކަން ކުރިކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އިން ބުނެފި އެވެ.

އާރްޑީސީއާ ގުޅޭ މައްސަލައެއް ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން މިމަހުގެ ފަސް ވަނަ ދުވަހު ވަނީ ހާމަކޮށްފަ އެވެ. ނަމަވެސް އެ މައްސަލައިގެ ތަފުސީލެއް ފުލުހުން ނުދެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން ތަހުގިގު ކުރަމުން އަންނަނީ އާރްޑީސީގެ އެކައުންޓުން 13.8 މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލައެކެވެ. އަދި އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުންނެވެ.

އާރުޑީސީއިން ގެއްލުނު 13.8 މިލިއަން ރުފިޔާ އާރުޑީސީގެ ޗީފް ފައިނޭންޝަލް އޮފިސަރު ޔާސިރު ހަސަންގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ވާހަކަދެކެވެ އެވެ.

ޔާސިރު އަށާއި މޫކޭއަށް ތުހުމަތުތައް ކުރާއިރު ޔާސިރު ވަނީ ދާދި ފަހުން މޫކޭގެ ކޮއްކޮއަކާ ކައިވެނިކޮށްފަ އެވެ.

ވައްކަމުގެ މައްސަލަ ދޮގުކޮށް އާރުޑީސީން އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެ ކުންފުނިން ބީއެމްއެލްގައި ހުޅުވާފައިވާ މައި އެކައުންޓުން 13 މިލިއަނަށް ވުރެ ގިނަ ރުފިޔާ މޫސަ އާއި ޔާސިރްގެ އަމިއްލަ ބޭނުމަކަށް ނަގާފައިވާ ކަމަށް ބުނެ މީޑިއާގައި ދައުރުވަމުން ދަނީ ހަގީގަތާ ހިލާފު ދޮގު ވާހަކައެއް ކަމަށެވެ. އަދި ބައެއް މީޑިއާތަކުން އެފަދަ ވާހަކައެއް ފެތުރި ނަމަވެސް އެފަދަ މުއާމަލާތެއް ހިނގާފައި ނުވާ ކަމުގެ ޔަގީންކަންދޭ ކަމަށް އާރުޑީސީން ބުންޏެވެ.

އާރުޑީސީއަކީ ގަވައިދުން ކޮންމެ އަހަރަކު އޮޑިޓް ކުރާ ކުންފުންޏަކަށް ވެފައި މިހާރު ވެސް އޮޑިޓާ ޖެނެރަލްގެ އޮފީހުން އެ ކުންފުނީގެ ހާއްސަ އޮޑިޓެއް ކުރަމުންދާ އިރު ކުންފުނީގެ މާލީ ސިޔާސަތުތަކާ ހިލާފަށް ފައިސާގެ އެއްވެސް މުއާމަލާތެއް ނުވަތަ އެއްވެސް މައްސަލައެއް ފާހަގަކުރެވިފައި ނެތް ކަމަށް އާރުޑީސީން ބުންޏެވެ.

އާރުޑީސީން ބުނީ އެކުންފުނިން އަމަލުކުރަމުންދަނީ ހެދިފައިވާ އުސޫލުތަކުގެ ތެރެއިންކަމަށާއި ފައިސާއަށް ހިޔާނާތްތެރިވެ، ކުންފުނީގެ އެކައުންޓުން އަމިއްލަ އެކައުންޓަށް ފައިސާ ޖަމާކުރެވޭނެ ގޮތެއް ނޯންނާނެކަމުގެ ޔަގީންކަންވެސް ދީފައިވެ އެވެ.

"އާރުޑީސީން ކުންފުނީގެ ހަރަދުތަކާއި ފައިސާގެ މުއާމަލާތްތައް ކުރަމުން ގެންދަނީ ރާއްޖޭގެ މާލީ ގާނޫނުތަކާއި ގަވައިދުތަކާ އަދި ކުންފުނީގެ ޕޮލިސީތަކާ އެއްގޮތަށެވެ. އެހެންވެ، ފައިސާއަށް ހިޔާނާތްތެރިވުމާއި ބޮޑެތި އަދަދުތަކުން ވައްކަންކޮށް މުވައްޒަފެއްގެ އަމިއްލަ އެކަައުންޓަށް، ކުންފުނީގެ މައި އެކައުންޓުން ފޮނުވޭނެ ގޮތެއް ނޯންނާނެ އެވެ،" އާރުޑީސީގެ ބަޔާނުގައި ބުންޏެވެ.

ނޫސްތަކުން އާރްޑީސީއާ ގުޅޭގޮތުން ހަގީގަތާ ހިލާފު ވާހަކަތަކެއް ގެނެސްދީފައިވަނީ ރައްޔިތުން އެކުންފުންޏާ މެދު ދެކޭގޮތް ބަދަލުކުރުމުގެ ނިޔަތުގައި ކަމަށްވެސް ބަޔާނުގައިވެ އެވެ. އެއީ މައުލޫމާތު ސައްހަކަން ކަށަވަރުނުކޮށް، ނޫސްވެރިކަމުގެ "ބެސްޓް ޕްރެކްޓިސް"އާ ހިލާފަށް ލިޔެފައިވާ ހަބަރެއް ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ.