ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ އެ ޕާޓީގެ ލީޑަރު ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމު ކަމަށާއި އެމަނިކުފާނު ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ބުނެފި އެވެ.
އެ ކޯލިޝަނުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް މިހެން ވިދާޅުވީ ދަ ޑިމޮކްރެޓްސް އުފެއްދުމަށް ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލް ހޯލްގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އެމަނިކުފާނަށް ފެނިވަޑައިގަންނަވާގޮތުގައި އެންމެ ރަނގަޅުގޮތަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް އެމަނިކުފާނާއި، ރައީސް ޔާމީންވެސް ވާދަނުކުރައްވައި، އޭގެ ބަދަލުގައި ދެބޭފުޅުންވެސް އެކުގައި ބާރަށް މަސައްކަތްކޮށްގެން ރާއްޖޭގެ ރައްޔިތުން އެދޭގޮތް ހޯދައިދެއްވުންކަމަށް ވިދާޅުވުމާ ގުޅިގެންނެވެ.
އަބްދުއްރަހީމް ވިދާޅުވީ މިއަދު މިޤައުމަށް ދިމާވެފައިވާ ހުރިހާ މައްސަލައަކުން ހައްލު ހޯދާ ދެވޭނެ ހަމައެކަނި ކެނޑިޑޭޓަކީ ރައީސް ޔާމީންކަމަށެވެ. ރައީސް ޔާމީން ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަމަށާއި، އެކަމަށް އެދޭ ރައްޔިތުން އިންތިހާއަށް ގިނަ ކަމަށް އަދުރޭ ވިދާޅުވިއެވެ.
"އިރާދަ ކުރެއްވިއްޔާ ރައީސް ޔާމީން މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ. ރައްޔިތުން ބޭނުންވާ ރަނގަޅުގޮތް ހޯދައި ދެވޭނެކަމަށް ރައްޔިތުން ގަބޫލުކުރަނީ ރައީސް ޔާމީން ރާއްޖޭގެ ޒައާމަތާ ހަވާލުވެގެން. އެ ނޫން ލީޑަރަކަށް މި ގައުމު ސަލާމަތް ކުރެވޭނެ ކަމަކަށް ރައްޔިތުން މިއަދަކު ގަބޫލެއް ނުކުރޭ." އަދުރޭ ވިދާޅުވި އެވެ.
ރައީސް ޔާމީން މި އިންތިހާބުގައި ވާދަކުރައްވާ އެއްބުރުން އިންތިހާބު ކާމިޔާބު ވެސް ކުރައްވާނެކަމުގެ ފުރިހަމަ ޔަގީންކަން އޮތްކަމަށާއި، މި ހާލަތުގައި އެމަނިކުފާނު ނޫން ކޮމަން ކެންޑިޑޭޓެއް ނެރުމުގެ ވިސްނުން ޕީޕީއެމްގެ ވެސް އަދި ރައީސް ޔާމިނުގެ ވެސް ނެތްކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.