ރިޔާސީ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީންގެ ކެމްޕޭން ޝިއާރަކަށް "ދިވެހީންގެ ރާއްޖެ" ހަމަޖައްސައިފި އެވެ.
ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑަރު ކުރީގެ ރައީސް ޔާމީންގެ ކެމްޕޭން ހަރަކާތްތައް ފަށާފައިވާއިރު ރަސްމީ ސްލޯގަން އަދި ޑިޒައިން އެޕާޓިން ކަނޑައަޅާ ވަނީ އާންމުވެސް ކޮށްފަ އެވެ.
"ދިވެހިންގެ ރާއްޖެ" ސްލޯގަންއާއި ގުޅޭގޮތުން ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ، މިއަދު އޮތީ ދިވެހިންގެ ރާއްޖެ ދިވެހީންނަށް ހޯދައިދޭން ޖެހިފައި ކަމަށެވެ. އަދި އެކަން ކުރެވޭނެ ހަމައެކަނި ލީޑަރަކީ ރައީސް ޔާމީން ކަމަށްވެސް ސިޔާމް ވިދާޅުވި އެވެ.
އަންނަ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބަށް ރައީސް ޔާމީންގެ ކެމްޕެއިންގެ އަމަލީ މަސައްކަތް ރަސްމީކޮށް ފެށީ މިދިޔަ ހޯމަ ދުވަހު އެވެ. ކެމްޕެއިން ފެށީ މާލޭ ސަރަހައްދުންނެވެ. އެގޮތުން އިދިކޮޅު ލީޑަޝިޕްގެ ބޭފުޅުން ވަނީ މާލޭ ސަރަހައްދުގެ ގެތަކަށް ދޮރުން ދޮރަށް ޒިޔާރާތް ކޮށްފަ އެވެ.
މިއަދުން ފެށިގެން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކެމްޕޭން ހަރަކާތްތައް ފެށިގެންދާނެ ކަމަށް ޕީޕީއެމްއިން ބުނެ އެވެ.
ވ. އާރަށް މައްސަލައިގައި ރައީސް ޔާމީން 11 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން މިދިޔަ ޑިސެމްބަރު މަހު ހުކުމްކުރީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމައި ޕީޕީއެމްގެ ރިޔާސީ ޓިކެޓު އެމަނިކުފާނަށް އަރުވާފައި ވަނިކޮށެވެ. އެއާއެކު އެމަނިކުފާނަށް އިންތިހާބުގައި ވާދަކުރެވިދާނެތޯ ގިނަ ބަޔަކު ސުވާލު އުފައްދަމުން އަންނައިރު، އިދިކޮޅުން ދޭ ޔަގީންކަމަކީ އެމަނިކުފާނު ޕީޕީއެމްގެ ޓިކެޓުގައި އިންތިހާބުގައި ވާދަކުރާނެ ކަމެވެ.
އާރަށު މައްސަލަ ރައީސް ޔާމީންގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ. މިހާރު އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފްކޮށްފައިވާ އިރު، ވަކީލުންނާއި ޕީޕިއެމްގެ ލީޑާޝިޕުން ބުނަމުން ގެންދަނީ އެމަނިކުފާނު މިނިވަންވެ، އިންތިހާބުގައި ވާދަކުރެއްވޭނެ ކަމަށެވެ.
ރޔާމީނަށް ނަސްރާ ކާމިޔާބަށް އެދެން، ރޔާމީނަށް މާތްﷲގެ ހިމާޔަތާ ރައްކާތެރިކަން ދެއްވާށި އާމީން.