އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ މާލިމީކަމުގައި އެމްޑީޕީން މިފަހަރު ފަށާ ދަތުރު ކާމިޔާބުވާނެ ކަމާމެދު އެއްވެސް ޝައްކެއް ނުކުރައްވާ ކަމަށާއި އެމްޑީޕީ އޮތީ ގަދަކޮށް ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕެއިން ފެއްޓުމަށް ށ. ފޯކައިދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ފައްޔާޒު ވަނީ 2008 ވަނަ އަހަރުން ފެށިގެން އެމްޑީޕީން ކޮށްފައިވާ ހިތި ތަޖުރިބާތައް ހަނދާންކޮށް ދެއްވާފަ އެވެ. ފައްޔާޒުގެ ވާހަކަ ފެއްޓެވީ ވެސް މާޒީގެ ތެރެއިންނެވެ.
ފައްޔާޒު ވިދާޅުވީ އެއީ އިންސާނީ ހައްގުތަކާ ބަސްބުނުމުގެ މިނިވަންކަމާ އަނިޔާވެރިކަމުން ދިވެހީން މިންޖުވާން ރައްޔިތުންގެ ވެރިކަމެއް ގެނައުމަށްޓަކާ އެމްޑީޕީން ފެށި ދަތުރު ކަމަށެވެ. އަދި "އަނެއް ދިވެހިރާއްޖެ" އަށް ދިއުމަށްޓަކާ ހުސްއަތާ ދަތުރު ފެށި ނަމަވެސް މަންޒިލާ ހަމައަށް ދިޔައީ އުންމީދު ކުރިގޮތަށް ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
"އެ ދަތުރުވީ ފަސޭހަ ދަތުރަކަށް ނޫން. ލައްކަ ގިނަ ހުރަސްތަކާ ބިރުވެރިކަމާ ކުރިމަތިލާން ޖެހުނު. އެހެން ނަމަވެސް މަންޒިލާ ހަމައަށް ފޯރި އަޅުގަނޑުމެން އުންމީދުކުރި ގޮތަށް އޮޑި ދިޔައީ ނަގާ ވަޔާއި އޮޔަށް ބެލުމެއް ނެތި މަންޒިލް އަތުލުމަށް،" ފައްޔާޒު ވިދާޅުވި އެވެ.
އެންމެންގެ ހިއްވަރާ އެއްބާރުލުމުގެ ސަަބަބުން އެންމެންގެ ހިތްވަރާއި އެއްބާރުލުމުގެ ސަބަބުން ބިރުވެރި ނުރައްކާތެރި ދަތުރަކަށް ފަހު، އަމާން މަންޒިލަކަށް ބަނދަރު ކުރެވުނު ނަމަވެސް، ތަގްދީރު ނިޔާކުރި ގޮތުން ދިމާކުރީ ހިތާމަވެރި ދުވަސްތަކެއް ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އަދި 2012 ގައި ރައީސް ނަޝީދުގެ ވެރިކަން ވެއްޓު ހަނދާން އާ ކުރައްވަމުން ފައްޔާޒު ވިދާޅުވީ އެމްޑީޕީން ފެށި ދަތުރު ޖެހުނީ އަލުން ފަށަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެހެން ނަމަވެސް މިއަދު މިތިބީ އަނެއްކާ ވެސް އެ އަމާން ބަނދަރު ހާސިލުކޮށްގެން ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އެތައް ހުރަސްތަކާއި ގޮންޖެހުންތަކާއެކު ވެސް ދިވެހިން ބޭނުންވާ ހެޔޮވެރިކަމުގެ ނިޒާމެއް ގެނެސްދެވިފައިވާ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.