ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަންނަ ބުރާސްފަތި ދުވަހު ޑިމޮކްރެޓްސްއަށް ސޮއިކުރައްވާނެ ކަމަށް މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.

18 އަހަރަށް ފަހު ރައީސް ނަޝީދު އެމްޑީޕީން އިސްތިއުފާދެއްވީ މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހު އެވެ.

އާޒިމް "ހުރިހާ" އަށް މިރޭ ވިދާޅުވީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ ބާއްވާ ޑިމޮކްރެޓްސްގެ ޖަލްސާގައި ރައީސް ނަޝީދު އެ ޕާޓީ އަށް ސޮއި ކުރައްވާނެ ކަމަށެވެ. މީގެ އިތުރުން އެރޭގެ ޖަލްސާގައި ރައީސް ނަޝީދާ އެކު ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވެސް ސޮއިކުރައްވާނެ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެންނެވި ދުވަހު ހިތާދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު ވެސް އެމްޑީޕީއިން ވަކިވެވަޑައިގަތެވެ. އެހެންކަމުން މެމްބަރު އަހުމަދު ރަޝީދު ވެސް ޑިމޮކްރެޓްސްއަށް ސޮއިކުރައްވާނެ ކަމަށް ބެލެވެ އެވެ. އެއާއެކު ރައްޔިތުންގެ މަޖިލީހުގައި ޑިމޮކްރެޓްސްގެ މެމްބަރުންގެ އަދަދު 15އަށް އަރާނެ އެވެ. ޑިމޮކްރެޓްސް ވެގެންދާނީ މަޖިލީހުގެ މައިނޯރިޓީ ޕާޓީ އަށެވެ.

ޑިމޮކްރެޓްސް އުފެއްދީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ފަހު ރައީސް ނަޝީދަށް ލިބުނު ނާކާމިޔާބީއާއެކު ރައީސް ނަޝީދަށް ވަފާތެރި މެމްބަރުން ގުޅިގެންނެވެ.

ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފައި ވަނީ މިމަހުގެ ދެ ވަނަ ދުވަހު އެވެ.

"ދަ ޑިމޮކްރެޓްސް"ގެ ނަމުގައި ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދި، މޭ 21 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ޕާޓީގެ މުއައްސިސް އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފުގެ ނަމުގަ އެވެ.