ސްކޮޓްލޭންޑްގެ ކޯރެއްގެ ތެރެއިން 105،000 ޑޮލަރުގެ އަގުހުރި ރަން ނަގެޓެއް ފެނިއްޖެ އެވެ.

އިނގިރޭސިވިލާތުގެ ޓެލެގްރާފްގައި ބުނެފައިވާ ގޮތުގައި ޑޯނަޓެއްގެ ޝޭޕަށް އޮތް މި ރަން ނަގެޓްގައި 22 ކެރެޓު ހުރި އިރު ބަރުދަނުގައި 121 ގްރާމް ހުއްޓެވެ.

މި ނަގެޓް ފެނިފައި ވަނީ ދެ އެތިކޮޅުގެ ގޮތުގަ އެވެ. ނަމަވެސް ދޭތި ޖައްސާލުމުން އެއީ އެކައްޗެއް ކަން އެނގިގެންދިޔަ އެވެ.

އެހެން ކަމުން މި ނަގެޓް އަށް ދިފައިވާ ނަމަކީ "ރީޔުނިއަން ނަގެޓް" އެވެ.

މި ނަގެޓް ހޯދި މީހާ ބޭނުންކޮށްފައި ވަނީ "ސްނައިޕިން" ނަމަކަށް ކިޔާ އުކުޅެކެވެ. މިއީ ސްނޯކެލްއަކާ އެކީ ޑައިވިން އަށް ގޮސް ކޯރުގެ އަޑި ބަލައިގެން އެއްޗެހި ހޯދުމެވެ.

ރަނަކީ ސްކޮޓްލޭންޑްގެ ތާރީހުގައި ވަރަށް މުހިއްމު އެއްޗެކެވެ. އެ ގޮތުން އާންމު ގޮތެއްގައި ސްކޮޓްލެންޑުގެ ކޯރުތަކުގެ އަޑީގައި މިފަދަ ރަން ހުރެ އެވެ.