ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދަ ޑިމޮކްރެޓްސް އަށް ސޮއި ކުރައްވައިފި އެވެ.

ރައީސް ނަޝީދު ޑިމޮކްރެޓްސް އަށް ސޮއި ކުރެއްވީ އެކަމަށްޓަކާ މިހާރު އާޓިފިޝަލް ބީޗުގައި ކުރިއަށްދާ އެޕާޓީގެ ޖަލްސާގަ އެވެ. ރައީސް ނަޝީދު އާއި އެކު ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު ވެސް ވަނީ ޑިމޮކްރެޓްސް އަށް ސޮއިކުރައްވާފަ އެވެ.

ޑިމޮކްރެޓްސް އަށް ރައީސް ނަޝިދު މިރޭ ސޮއި ކުރެއްވި ނަމަވެސް އެމަނިކުފާނު ވަނީ ޑިމޮކްރެޓްސް އުފެއްދުމަށް މިދިޔަ އަދިއްތަ ދުވަހު ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވާފަ އެވެ. އަދި އެރޭގެ ޖަލްސާގައިވެސް ޑިމޮކްރެޓްސް އަށް ގުޅޭނެ ކަމުގެ އިޝަރަތެއް ދެއްވި އެވެ.

އާޓިފިޝަލް ބީޖުގައި ޖަލްސާ ކުރިއަށްދާ ސަރަހައްދުގައި ޑިމޮކްރެޓްސް އަށް ސޮއިކުރުމުގެ އިންތިޒާމުތައް ވަނީ ހަމަޖައްސާފަ އެވެ.

18 އަހަރަށް ފަހު ރައީސް ނަޝީދު އެމްޑީޕީން އިސްތިއުފާދެއްވީ މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހު އެވެ.

ޑިމޮކްރެޓްސް އުފެއްދީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ފަހު ރައީސް ނަޝީދަށް ލިބުނު ނާކާމިޔާބީއާއެކު ރައީސް ނަޝީދަށް ވަފާތެރި މެމްބަރުން ގުޅިގެންނެވެ.

ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފައި ވަނީ މިމަހުގެ ދެ ވަނަ ދުވަހު އެވެ.

"ދަ ޑިމޮކްރެޓްސް"ގެ ނަމުގައި ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދި، މޭ 21 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ޕާޓީގެ މުއައްސިސް އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފުގެ ނަމުގަ އެވެ.