ކޮލެސްޓްރޯލް ނުވަތަ ސަރުބީ މަތިވުމަކީ ލޭގައި ސަރުބީގެ މިންވަރު ހުންނަން ޖެހޭ މިންވަރަށް ވުރެ މަތިވުމެވެ. މިކަމުގެ ނުރައްކާތެރިކަމުގެ ވާހަކައަކީ ޑޮކްޓަރުންނާއި ސިއްހީ މާހިރުން އަބަދުވެސް ދައްކަވާ ވާހަކަ އެކެވެ. ނަމަވެސް މި ނުރައްކަލަކީ ކޮބާކަމާމެދު އަހަރުމެންނަށް ވިސްނާލެވެނީ ވަރަށް މަދުންނެވެ.

ލޭގައި ކޮލެސްޓްރޯލްގެ މިންވަރު މަތިވުމުން ލޭހޮޅިތަކުގެ ތެރޭގައި ކޮލެސްޓްރޯލް ނުވަތަ ސަރުބީ ކޮބަޑި ގަނޑެއްގެ ސިފައިގައި ޖަމާވެ، ލޭހޮޅިތަކުގައި ލޭ ދައުރު ކުރުމުގައި ހުރަސްތަކާ ކުރިމަތި ކުރުވަ އެވެ.

މިގޮތަށް ލޭހޮޅީގެ ތެރޭގައި ސަރުބީ ޖަމާވުމުން ލޭހޮޅި ހަރުވާގޮތް ދިމާވެ އެވެ. ނަތީޖާއެއްގެ ގޮތުން ހަށިގަނޑުގެ އެކި ހިސާބުތަކަށް ލޭފޮނުވާދޭ މިންވަރު ދަށްވެ ހިތްހުއްޓުން، ހިތުގެ މަސްގަނޑުން ބައެއް މަރުވުން، އަދި ވާގިނެތޭ ބަލި ޖެހުން ފަދަ ކަންތައްތައް ކުރިމަތި ކުރުވަ އެވެ.

ހިތަށް ލޭފޮނުވުން ދަށްވެ، އެކަށޭނަ ވަރަށް އޮކްސިޖަން ނުލިބުމުން “އެންޖައިނާ”ކިޔާ މޭގައި ރިހުމުގެ ވައްތަރެއް ކުރިމަތިވެ އެވެ. ހިތަށް ލޭފޯރުކޮށްދޭ “ކޮރޯނަރީ އާޓަރީ”އޭ ކިޔޭ ލޭހޮޅީގައި ސަރުބީ ޖަމާވެ، ލޭހޮޅި ހަނިވެފައި ވަނިކޮށް، ގަނޑުލޭކޮޅެއް ލޭހޮޅީގެ ތެރޭގައި އުފެދި، އެލޭހޮޅި ބެދިއްޖެނަމަ، ހިތުގެ މަސްގަނޑުން ބައެއް މަރުވުން ފަދަ ކަމެއް ދިމާވުމަކީ އާންމު ކަމެކެވެ.

ސަރުބީގެ މިންވަރު ދަށްކޮށް ހިތުގެ ބަލިތައް ޖެހުމުގެ ފުރުޞަތު ކުޑަކުރާނީ ތެލާއި، ސަރުބީމަދު ކާނާ ބޭނުންކޮށް ގަވާއިދުން ކަސްރަތު ކޮށް ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުހެލިވެ ތިބެގެންނެވެ.