ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީއަށް އޮތް ޗެލެންޖަކީ ޑިމޮކްރެޓްސް ނޫން ކަމަށާއި އެޕާޓީއަށް ޗެލެންޖަކީ ޕީޕީއެމް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ވ. ފުލިދޫގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ދާދި ފަހުން އެމްޑީޕީން ވަކިވެ ވަޑައިގެންނެވި އެ ޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އުފެއްދެވި ޑިމޮކްރެޓްސް އަކީ އެމްޑީޕީއަށް ވާދަވެރި ޕާޓީ އެއް ކަމުގައި ނުދެކޭ ކަމަށެވެ. އަދި ރައީސް ނަޝީދު ވިދާޅުވި ގޮތަށް އެމްޑީޕީ ރޫޅާވެސް ނުލެވޭނެ ކަމަށެވެ. ރައީސް ވިދާޅުވީ އެމްޑީޕީއިން ޗެލެންޖެއް ކަމުގައި ދެކެނީ އިދިކޮޅު ޕީޕީއެމް ކަމަށެވެ.
ރައީސް ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަވެރި ދެ ޕާޓީގެ ގޮތުގައި ފެނިގެންދާނީ ވެސް ޕީޕީއެމްއާއި އެމްޑީޕީ ކަމަށެވެ.
"އެހެންވީމާ އަޅުގަނޑުމެންގެ ޗެލެންޖަކީ ޑިމޮކްރެޓްސް އެއް ނޫން. އަޅުގަނޑުމެންގެ ޗެލެންޖަކީ ޕީޕީއެމް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ޑިމޮކްރެޓްސް އާއި ހެދި ގެއްލުނު ވޯޓަށްވުރެ އިތުރަށް މިހާރު ވޯޓު ލިބޭތަން ފެންނަމުން އަންނަ ކަމަށާއި ރައީސް ނަޝީދު އިންތިހާބުގައި ވާދަކުރި ނަމަވެސް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ނަތީޖާއަށް ބަލާއިރު، ނަޝީދު ބަލި ކުރެއްވޭނެ ކަމަށެވެ.
ވާދަވެރި ޕާޓީއަކީ ޕީޕީއެމްކަމުގައި ރައީސް ވިދާޅުވި ނަމަވެސް އިދިކޮޅުގެ ކެންޑިޑޭޓް ރައީސް ޔާމީން އޮންނެވީ ޖަލުގަ އެވެ. އިދިކޮޅުން ބުނަމުންދަނީ ރައީސް ޔާމީންގެ ޝަރީއަތަށް ސަރުކާރުން އަތްބާނަމުން ދާކަމަށާއި، ވާދަވެރި ކެމްޕެއިނެއް ކުރުމަށް ރައީސް ޔާމީން މިނިވަން ކުރުމަށް ރައީސް ސޯލިހަށް ކެރިވަޑައިނުގަންނަވާ ކަމަށެވެ.
ޢިމްރާނު ކޮންމެވެސް ނުނަގާތި އޮތް ތާއީދުކޮޅު ވެސް ޣެއްލޭނެ ކަން ކަށަވަރު