ފިރިހެނުންނާ އަޅާކިޔާއިރު ހުރިހާ ގޮތަކުން ވެސް އަންހެނުންގެ ވިސްނުން އެތައް ގުނައެއް ރަނގަޅު ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

ދެ ޖިންސުގެ 46000 މީހުން ބައިވެރިކޮށްގެން އެމެރިކާގެ ވޮޝިންޓަންގައި 2017 ވަނަ އަހަރު ހެދި އެ ދިރާސާއިން އެނގުނު ގޮތުގައި ކަންކަމަށް ސަމާލުކަން ދިނުމާއި އެހެން މީހުންގެ އިހުސާސްތައް ދެނެގަތުމުގައި ވެސް އަންހެނުން އުޅެނީ މާ ކުރީގަ އެވެ.

ދިރާސާގެ ނަތީޖާތަކުން އަންހެނުންގެ ވިސްނުމާއި ސިކުނޑީގެ އެހެން މަސައްކަތްތައް އަވަސްކަން ފާހަގަ ކުރެވުނު ނަމަވެސް ކަންކަން ރޭވުމާއި ތަސައްވަރު ކުރުމުގައި ފިރިހެނުން ކުރީގައި އުޅޭ ކަމަށް އެނގިފައިވެ އެވެ.

އެއާއެކު އަންހެނުންނަކީ ޑިޕްރެޝަން ފަދަ ސިކުނޑީގެ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑު ބައަކަށް ވީ ނަމަވެސް އަނެކުންނަށް ހަމްދަރްދީ ވުމާއި އަމިއްލަ ނަފްސަށް ބާރު ފޯރުވުމުގެ ގާބިލިއްޔަތުކަން އަންހެނުންގެ ކިބައިގައި ބޮޑު ކަަމަށް ދިރާސާގައި ފާހަގަކޮށްފައިވެ އެވެ.

ދިރާސާގައި އިސްކޮށް ހަރަކާތްތެރިވި އޮފިޝަލަކު ވިދާޅުވީ މި ދރާސާއަކީ ދެޖިންސުގެ ވިސްނުމުގައި ހުރި ތަފާތުތައް ދެނެގަނެ ދެޖިންސުގެ ހަމަހަަމަކަން ގާއިމުކުރަން ދިމާވެފައިވާ ހުރަސްތައް ކުޑަކޮށްދޭނެ ކަމެއް ކަމަށެވެ.

މި މައުޟޫއަށް އެތައް ދިރާސާތަކެއް ކުރެވެމުން އަންނައިރު ހަމަ ކޮންމެ ދިރާސާއަކުން ވެސް ނުކުންނަނީ ގާތްގަނޑަކަށް އެއް ނަތީޖާއެއް ކަމަށް މާހިރުން ފާހަގަ ކުރެއްވި އެވެ.