އަންނަ ރިޔާސީ އިންތިހާބުގައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ކެންޑިޑޭޓް މުހައްމަދު ނާޒިމްގެ ރަނިންމޭޓަކަށް ކުރީގެ އެސިސްޓެންޓް ކޮމިޝަނަރު ޑރ. އަބްދުﷲ ފައިރޫޝް ހަމަޖައްސާފައިވާކަން އެ ޕާޓީން ދޮގުކޮށްފި އެވެ.
އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމްގެ އިންތިހާބީ އެޖެންޓް ޕާޓީގެ ނައިބު ރައީސް އަހުމަދު އުޝާމް މިއަދު "ހުރިހާ" އަށް ވިދާޅުވީ ނާޒިމްގެ ރަނިންމޭޓްއަކަށް އަދި އެއްވެސް ބޭފުޅަކު ހަމަނުޖައްސާ ކަމަށެވެ. ނަމަވެސް ފައިރޫޝްގެ ކުށުގެ ރެކޯޑް ސާފުކުރުމުގެ މަސައްކަތް އެމްއެންޕީން ކުރަމުން އަންނަ ކަމަށް އިތުބާރުހުރި ގޮތަކަށް އެނގިފައިވެ އެވެ.
އުޝާމް ވިދާޅުވީ ފައިރޫޝް އަކީ ކެމްޕެއިން މަސައްކަތްތަކުގައި ވަރަށް އިސްކޮށް އުޅުއްވާ ބޭފުޅެއް ކަމަށެވެ. އެހެން ނަމަވެސް އެއްވެސް ބޭފުޅަކު ރަނިންމޭޓަކަށް ހަމަނުޖައްސާ ކަމަށާއި ރަނިންމޭޓަކަށް ހަމަޖައްސާނެ ބޭފުޅުންތަކެއްގެ ނަން ހުށަހެޅި ފައިނަލް ކުރުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާ ކަމަށް އުޝާމް ވިދާޅުވި އެވެ.
އުޝާމް ވިދާޅުވީ ރަނިންމޭޓަކަށް ހަމަޖައްސާނެ ބޭފުޅެއް މިއަދު ފައިނަލް ކުރެވޭނެ ކަމަށެވެ. އެހެން ނަމަވެސް އެކަން އިއުލާން ކުރާނީ އަންނަ ހަފްތާ ފޯމު ހުށަހެޅުމަށް ފަހު ކަމަށް އުޝާމް ވިދާޅުވި އެވެ.
"ދެބޭފުޅަކު ޝޯޓް ލިސްޓުވެފަ ވަނީ. އަދި ފައިނަލެއް ނުކުރަން. ހީވަނީ މިއަދު ފައިނަލް ކުރެވޭނެ ހެން. އިއުލާން ކޮށްލެވޭނީ ލީގަލް ކްލިއަރެންސް ވެސް ހޯދައިގެން. ލީގަލް ކްލިއަރެންސް ލިބޭނެ ހެން ހީވަނީ މިއަންނަ ހަފްތާ ކުރީކޮޅު،" އުޝާމް ވިދާޅުވި އެވެ.
އެސިސްޓެންޓް ކޮމިޝަނަ އޮފް ޕޮލިސްގެ މަގާމުން ފައިރޫޝް ރިޓަޔާ ކުރެއްވީ ޖެނުއަރީ 2، 2021 ގަ އެވެ.
ފުލުހުންގެ ޚިދުމަތުގައި 20 އަހަރު ހޭދަކުރެއްވުމަށްފަހު ދިރިއުޅުއްވީ އޮސްޓްރޭލިއާގަ އެވެ.
ރައީސް މުޙައްމަދު ނަޝީދު 2012 ވަނަ އަހަރުގެ ފެބްރުއަރީ ހަތް ވަނަ ދުވަހު އިސްތިއުފާ ދެއްވުމަށްފަހު ވަގުތީ ގޮތުން ފުލުހުންގެ އިސްވެރިއަކަށް ހުންނެވީ ވެސް ފައިރޫޝް އެވެ.
މިލިޓަރީ ޕާރޓީއަށް ހަމަޖައްސާނީ މިލިޓަރީ މީހެކެވެ. އުޝާމެއް ނޫނެވެ.