އިތުރު ދައުރެއް ލިބިވަޑައިގެންފި ނަމަ ސަރުކާރުން މިހާރު ނަގަމުންދާ ލޯނުތައް އެ ދައުރުގައި ދައްކަވައި ނިންމަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ށ. މިލަންދޫގައި މިރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ރައީސް ވިދާޅުވީ 2028 ގައި އަންނަ ވެރިޔަކަށް ލޯނު ދައްކަން މަތިނުކުރައްވާނެ ކަމަށާއި މީގެ ތިން އަހަރު ފަހުން ދައުލަތުގައި ފައިސާ ހުންނާނެ ކަމަށެވެ.

"2026 ވަނަ އަހަރުގެ ފަހުން ދިވެހި ދައުލަތުގައި ހުންނާނެ ފައިސާ ލޯނު ދައްކާނެ ވަރަށް. އަޅުގަނޑުގެ ދެ ވަނަ ދައުރުގައި އިރާދަކުރެއްވިއްޔާ ނިމިގެންދާނީ މި ދެންނެވި ލޯނު ދައްކަން ދެން އަންނަ ސަރުކާރަކަށް ނުޖައްސައި. އެކަން ވެސް ހަމައަކަށް އަޅުވާނަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ފަސް އަހަރުގެ ދައުރު ނިމިގެން މިދަނީ ސިޔާސީ ބޭނުމެއްގައި އެއްވެސް މީހަކު ހައްޔަރުނުކޮށް ކަމަށެވެ. އަދި އެއްވެސް ނޫސްވެރިޔަކު ހައްޔަރުކޮށް، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރާކަށް ނުޖެހުނު ކަމަށް ރައީސް ވިދާޅުވި އެވެ.

ގައުމަށް އެންމެ މުހިންމީ ހަމަޖެހުމާއި ސުލްހަވެރިކަން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ސިޔާސީ ހަމަނުޖެހުމުން އެއްކިބާވެ ތިބެ، ރާއްޖޭގެ ތަރައްގީއަށް މަސައްކަތްކުރަން ފުރުސަތު ލިބުން. ރައްޔިތުން ބޭނުންވެފައި ތިބި އަސާސީ ހައްގުތައް ފޯރުކޮށްދިނުމަށްޓަކައި ގިނަ މަސައްކަތްތަކެއް އަޅުގަނޑުމެންނަށް އޭގެ ސަބަބުން ކުރެވެމުން މިދަނީ،" ރައީސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި ރިޔާސީ އާ ދައުރެއްގައި މިލަންދުއަށް ކޮށްދެއްވާނެ ކަންތައްތައް ވެސް ވިދާޅުވެދެއްވި އެވެ. އެގޮތުން އިތުރު ހައުސިން ޔުނިޔުތަކެއް އަޅައި ކުނި މެނޭޖް ކުރާނެ ވަސީލަތެއް ގާއިމް ކުރުމާއި ބިން އިތުރުކޮށް ޗަކަ ބިން ހިއްކައި، ރިވެޓްމަންޓު ޖަހާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.