ގެސްޓުހައުސް ވިޔަފާރި ކުރުމަށް ހާއްސަ ފަންޑެއް އެކުލަވާލާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ޞޯލިހު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ކެމްޕެއިނަށް ހއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ބާރަށަށް ވަޑައިގެން ރައީސް ވިދާޅުވީ ގެސްޓުހައުސްގެ ވިޔަފާރި މިއަށްވުރެ ފުޅަކޮށް އެ ދާއިރައަށް ވަންނަން ބޭނުންވާ މީހުންނަށް ފަސޭހައިން އެކަން ކުރޭވޭނެ ގޮތަށް ގެސްޓު ހައުސް ވިޔަފާރި ކުރުމަށް ހާއްސަ ފަންޑެއް ހުޅުވައިދެއްވާނެ ކަމަށެވެ.

އޭގެ ސަބަބުން ރަށުގައި ތިބެ އަމްދަނީ ހޯދޭނެ ގޮތްތައް އިތުރުވެގެން ދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. ފަތުރުވެރިކަމުގެ ދާއިރާ ފައްކަކުރަން ބާރަށަކީ ރަނގަޅު ރަށެއް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ އަންނަ ދައުރުގައި، އަޅުގަނޑުމެންގެ ސިޔާސަތުގެ ތެރޭގައި ގެސްޓްހައުސް އެޅުމަށް ވަކިން ފަންޑެއް ހުޅުވައި. މީގެ ސަބަބުން ރަށުގައި ތިބެ އާމްދަނީ ހޯދަން ފުރުސަތު ފަހި ވެގެންދާނެ،" ރައީސް ޞާލިހު ވިދާޅުވި އެވެ.

މީގެއިތުރުން ރައީސް ވަނީ ބާރަށަށް ގިނަ ވައުދުތަކެއް ވެވަޑައިގެންފަ އެވެ. އަންނަ ދައުރުގެ ތެރޭގައި ބާރަށަށް ސާފު ބޯފެން ލިބޭނޭ އިންތިޒާމާއި ސުކޫލުގައި މަލްޓިޕާޕަސް ހޯލަކާއި ސުކޫލް އޮފީސް އިމާރަތް ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ހެދައި ރިންގު ރޯޑެއް ހަދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.