އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ރަނިންމޭޓުންނަށް މިހާރުގެ ނައިބު ރައީސް ފައިސަލް ނަސީމައި އެކު ގިނަ ނަންތަކެއް އެބަހުރި ކަމަށާ ދެ ދުވަސް ތެރޭ ރަނިންމޭޓަކަކާއި މެދު ގޮތެއް ނިންމަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.
ށ. އަތޮޅާއި ހއ. ގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހަނިމާދޫގައި ހުންނަވާ ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ރަނިންމޭޓަކަށް ބައެއް ބޭފުޅުންގެ ނަންތައް އެބަހުރި ކަމަށެވެ. އެގެ ތެރޭގައި މިހާރުގެ ނައިބު ރައީސް ފައިސަލް ނަސީމްގެ ނަން ވެސް ހިމެނޭ ކަމަށް ރައީސް ވިދާޅުވި އެވެ.
ރަނިންމޭޓަކު ނެގުމަށް މިރޭ މަޝްވަރާ ކުރައްވާނެ ކަމަށާއި ވަކި ބޭފުޅަކު ނިންމަވާނީ މަޝްވަރާއަށް ފަހު ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މިރޭ ނުވަތަ މާދަމާ ރަނިންމޭޓަކާ މެދު ގޮތެއް ކަނޑައަޅުއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ މި ބަލަނީ ބުރާސްފަތި ނޫނީ ހުކުރު ދުވަހު އަޅުގަނޑުގެ ފޯމު ސަބްމިޓް ކުރެވޭތޯ. ވެދާނެ ރަނިން މޭޓަކަށް އާ ބޭފުޅަކަށްވެސް އަދި އަޅުގަނޑު ފައިނަލް ޑިސިޝަނެއް ނުނަގަން. އަޅުގަނޑު އަތުގައި އެބަހުރި ނަންތަކެއް. މިހާރުގެ ނައިބު ރައީސް ފައިސަލް ނަސީމް ފެނުމުގެ ފުރުސަތުވެސް އެބައޮތް،" ރައީސް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ހުޅުވާލާފަ އެވެ.
ރައީސް ސޯލިހުގެ ރަނިން މޭޓަކަށްވާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރައްވާ ބޭފުޅުންގެ ތެރޭގައި މިހާރުގެ ނައިބު ރައީސް ފައިސަލް ނަސީމް ހިމެނެ އެވެ. ފައިސަލްގެ އިތުރުން މި ލިސްޓްގައި ދެން ހިމެނެނީ ފޮރިން މިނިސްޓަރު ޝާހިދާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އެވެ.