މި ސަރުކާރުގެ ގެދޮރުވެރި ޕްރޮގްރާމުގެ ދަށުން ފްލެޓް ލިބޭ މީހުންގެ ލިސްޓުގައި ހިމެނޭ މީހުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ އެންމެންނަސް އަންނަ ދައުރުގައި ފްލެޓް ނިންމާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

"ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓް މިއަދު އާންމުކޮށް، ޝަކުވާއަށް ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ.

ރައީސް ސޯލިހު ކެމްޕެއިނަށް މިހާރު ގދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު ނަޑެއްލާއަށް މިއަދު ވަޑައިގެން ވިދާޅުވީ މިއަދު އަންމު ކުރި ފްލެޓް ލިސްޓްގައި ހިމެނޭ ޝަރުތު ހަމަވާ ހުރިހާ އެންމެންނަށް ފްލެޓް ދޭނެ ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ ފްލެޓްއަށް ކުރިމަތިލީ މީހުންގެ ތެރެއިން ހުރިހާ އެންމެންނަށް ވެސް ފްލެޓް ދިނުން ކަމަށާއި އަންނަ ދައުރު ނިމެންވާއިރަށް ފްލެޓް ދީ ނިންމާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެއިން ކޮންމެ މީހަކަށް އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ފަސް އަހަރު ނިމުމުގެ ކުރިން އަޅުގަނޑުމެން ފްލެޓް ދޭނަން. އޭގައި ޝަރުތު ހަމަވާ ތޭރަ ހާއެއްހާ މީހުން އެބަތިބި. އެއިން ކޮންމެ މީހަކަށް ފްލެޓް އަޅައިދީ ފްލެޓް ދޭނަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހުގެ ސަރުކާރުން ހިންގާ ގެދޮރުވެރިޔާ އަދި ބިންވެރިޔާ ޕްރޮގްރާމަށް ފޯމު ހުށަހެޅުމުގެ ވަގުތު ހަމަވިއިރު 35،861 ފޯމު ވަނީ ހުށަހަޅައިފަ އެވެ.

މާލޭގެ ރައްޔިތުންނަށް 5،000 ގޯތި އަދި 4،000 ފްލެޓް ދޫކުރުމަށް ނިންމާ ކުރިމަތިލުމަށް ސަރުކާރުން ހުޅުވާލީ ޖޫން 26، 2022 ގަ އެވެ.

މާލޭގެ ރައްޔިތުންނަށް ދޫކުރާ 5،000 ގޯއްޗަށް 15،164 ފޯމު ހުށަހަޅާފައިވާއިރު 4،000 ފްލެޓްގެ ތެރެއިން ތިން ކޮޓަރީގެ ފްލެޓަށް 14،489 ފޯމު އަދި ދެ ކޮޓަރީގެ ފްލެޓަށް 6،208 ފޯމު ހުށަހަޅާފައިވެ އެވެ.

ގެދޮރުވެރިޔާ ޕްރޮގްރާމުގެ ދަށުން ދޫކުރުމަށް ނިންމާފައިވަނީ ތިން ސައިޒެއްގެ ގޯތިތަކެކެވެ. އެގޮތުން ވަކި ފަރުދަކަށް ނަމަ ދޫކުރާ އެންމެ ކުޑަ ގޯތީގެ ބޮޑުމިނަކީ 1،250 އަކަފޫޓެވެ. ޖޮއިންޓް އެޕްލިކޭޝަނެއް ނަމަ އިތުރުވާ ކޮންމެ މީހަކަށް 400 އަކަފޫޓުގެ ގޯއްޗެވެ. އަދި ހަތް މީހުންނަށްވުރެ ގިނަ މީހުން ބައިވެރިވެގެން ހުށަހަޅާ އެޕްލިކޭޝަނެއް ނަމަ ޖުމްލަ 4،000 އަކަފޫޓުގެ ގޯތި ދޫކުރާނެ އެވެ.