ޑްރޯން ބޭނުންކޮށްގެން ލެބޯޓަރީން ސާމްޕަލް އުފުލުމަށް ގދ. އަތޮޅުގައި ޓެސްޓްކޮށްފި އެވެ

ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ކެމްޕެއިނަށް ގދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގދ. މަޑަވެލީގައި މިއަދު ބޭއްވި ޖަލްސާގައި ވިދާޅުވީ ސިއްހީ ނިޒާމް ހަރުދަނާ ކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ސިއްހީ ހިދުމަތް ދިނުމަށް ޑްރޯން ބޭނުންކުރަން ވަރަށް އަވަހަށް ފަށާނެ ކަމަށެވެ. އެގޮތުން ޑްރޯން ބޭނުން ކޮށްގެން އެއް ލެބޯޓަރީން އަނެއް ލެބޯޓަރީ އަށް ބޭހާ ސާމްޕަލް ގެންދިއުމުގެ އިންތިޒާމްތައް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ. އަދި އެކަން އެ އަތޮޅުގައި ޓެސްޓު ކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"ޑްރޯން ބޭނުންކޮށްގެން ލެބޯޓްރީތަކުގައި ސަޕްލައި ޓްރާންސްފާކުރުމުގެ މަސައްކަތް ފަށާނަން. މިހާރު ވަނީ މި އަތޮޅުގައި އެކަން ޓެސްޓުކުރެވިފައި،" ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ އިތުރު ދައުރެއް ލިބިއްޖެ ނަމަ ސިއްހީ ހިދުމަތް މިއަށްވުރެ އިތުރަށް ފުޅާކުރުމަށް ނެޝަނަލް ހެލްތު ސާވިސް ވަކި އިދާރާއެއްގެ ގޮތުގައި ހަދާނެ ކަމަށެވެ.

ބައެއް ގައުމުތަކުގައި އެއްތަނުން އަނެއް ތަނަށް ބޭސް އުފުލުމަށާއި ލެބޯޓަރީތަކުން ސާމްޕަލް ތަންތަނަށް ގެންދިއުމަށް ޑްރޯން ބޭނުން ކުރެ އެވެ.

ރާއްޖޭގައި ވެސް ޑްރޯން އެރުވުމާ ބެހޭ އުސޫލެއް ސިވިލް އޭވިއޭޝަން އޮތޯރިޓީން ގެޒެޓުކޮށް، އެކި ބޭނުންތަކަށް ޑްރޯން ބޭނުންކުރަން ހުއްދަ ދޭން ވަނީ ނިންމައިފަ އެވެ. މި އަހަރު ނިމުމުގެ ކުރިން މަދަނީ ހިދުމަތް ދިނުމަށް ޑްރޯން ބޭނުން ކުރުމުގެ ހުއްދަ ދިނުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމަައިފަ އެވެ.