ހަތް ކިލޯގެ މަސްތުވާތަކެތި ގެންގުޅުނު މައްސަލާގައި މަޝްހޫރު ބޮޑީ ބިލްޑަރު ޝާހީން އިބްރާހިމް ދީދީ (ޝާންޓޭ) ފަސް ލައްކަ ރުފިޔާ އިން ޖޫރިމަނާ ކުރުމާއެކު އުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްވާ ގައުމީ އިނާމު ހާސިލުކޮށްފައިވާ ޝާންޓޭއަށް ހުކުމް އިއްވީ މިދިޔަ ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހު އެވެ.

ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ޝާންޓޭ ހައްޔަރުކުރީ 2018 ވަނަ އަހަރުގެ ޑިސެމްބަރު ދެވަނަ ދުވަހުގެ ރޭ 22:30 ހާއިރު ހ. ސާމަރާގޭގައި އޭނާ ދިރިއުޅޭ ކޮޓަރިންނެވެ.

ސާމަރާ ގެއަކީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ޣަފޫރުގެ ގެއެވެ. ޝާންޓޭ އަކީ އަދީބުގެ ޅިޔަނެވެ.

ސާމަރާގޭގައި ޝާންޓޭ ދިރިއުޅޭ ކޮޓަރި ފުލުހުން ބަލައި ފާސްކުރިއިރު، އެ ކޮޓަރީގެ ސްޓޮކް ރޫމް ތެރޭގައި ޓޭޕްއަޅައި ބަންދުކޮށްފައި ހުރި ކަރުދާސް ފޮށިގަނޑެއްގެ ތެރޭގައި އޮތް ޑަސްބިން ކޮތަޅެއްގެ ތެރެއިން ފެނުނު ހަތް ޕެކެޓުގައި 6924.800 ގްރާމް ޑައިމޯފިން ހުރި ކަމަށް އެތަކެތީގެ ތަހުލީލު ރިޕޯޓުން ދައްކާ ކަމަށް ކްރިމިނަލް ކޯޓުގެ ހުކުމްގައިވެ އެވެ.

ކްރިމިނަލް ކޯޓުގެ ހުކުމްގައި ވަނީ ޝާންޓޭ އެ ދައުވާ އަށް އިންކާރު ކުރިޔަސް ދައުލަތުން ހުށަހެޅި ހެކި ގަރީނާއިން ގާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ އެކަށީގެންވާ މިންވަރެއްގެ ޝައްކެއް ނެތް މިންވަރަށް އެ ދައުވާ ސާބިތުވާ ކަމަށެވެ.