ކެމްޕޭން ހަރަކާތް ބޭއްވޭ ސަރަހައްދުގައި އަޑުގަދަކޮށް، ކެމްޕޭނުގެ މެސެޖު ފޯރުކޮށްދިނުމަށް ހުރަސް އެޅޭ ގޮތަށް އަމަލުކުރުމާއި، ކެންޑިޑޭޓުންގެ އިންތިހާބީ ހައްގަށް އުނިކަން ނާންނާނެހެން ކެމްޕެއިން ހަރަކާތްތައް ކުރިއަށްގެން ދިއުމަށް އިލެކްޝަންސް ކޮމިޝަނުން އެދެފި އެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބު ބޭއްވުމަށް ނިންމާފައި ވަނީ ސެޕްޓެމްބަރު 9 ވަނަ ދުވަހު އެވެ. މިއަހަރު ބައްވާ ރިޔާސީ އިންތިހާބަކީ މިހާތަނަށް އެންމެ ގިނަ ކެންޑިޑޭޓުން ބައިވެރިވާ ރިޔާސީ އިންތިހާބެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނާއި ކެންޑިޑޭޓުންނަށް ތާއީދުކުރާ ބޭފުޅުން، ކެމްޕޭނު ހަރަކާތްތައް އަމާންކަމާއެކު ކުރިޔަށް ގެންދިޔުމަކީ ކެންޑިޑޭޓުންނަށާއި، ތާއީދު ކުރައްވާ ބޭފުޅުންނަށް ލިބިގެންވާ ހައްގެއް ކަމަށެވެ. އަދި ކެމްޕޭން ކުރުގައި، އެއްވެސް ކެންޑިޑޭޓެއްގެ އިންތިހާބީ ހައްގަކަށް އުނިކަން އަންނަގޮތަށް، ގަދަރާއި އިހްތިރާމް ކުޑަކުރުމުގެ ސަބަބުން، އަނެކާއަށް އެ ހައްގު މިނިވަން ގޮތުގައި އިހްތިޔާރު ކުރުމަށް، ހުރަސްއެޅޭ ފަދަ ޢަމަލު ކުރުމަކީ، އިންތިހާބުތަކާ ބެހޭ ޢާންމު ގާނޫނުގައި މަނާކުރާ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ހަބީބު ވިދާޅުވީ ކެންޑިޑޭޓުންގެ ކެމްޕޭނަށް ހުރަސް އެޅުމުގެ ގޮތުން، ކެމްޕޭން ހަރަކާތް ބޭއްވޭ ސަރަހައްދުގައި އަޑުގަދަކޮށް، ކެމްޕޭނުގެ މެސެޖު ފޯރުކޮށްދިނުމަށް ހުރަސް އެޅޭ ގޮތަށް އަމަލުކުރުމާއި، މުދަލަށް ގެއްލުން ދިނުމާއި، ކެންޑިޑޭޓުންގެ ދަތުރުތަކަށް ހުރަސް އެޅުން ފަދަ ކަންކަމަކީ ރިޔާސީ އިންތިހާބު އަމާން ކަމާއި އޮމާންކަމާއެކު ގެންދިޔުމަށް ހުރަސް އެޅޭނެ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ހިޔާލު ފާޅުކުރުމުގެ ހައްގުގެ ބޭނުންކުރުމުގައި، ކެންޑިޑޭޓުންގެ އަބުރަށް ހުތުރުވާ ގޮތަށް، ސާބިތު ނުހިފޭ ވާހަކަ ދެއްކުމާއި، ދޮގު އިލްޒާމު އެޅުވުމަކީ، ސުލްހަވެރި ސިޔާސީ ހަރަކާތުގެ ހަމަތަކާ ހިލާފު ކަމެއް ކަމަށާ ހަމަނުޖެހުމަށް މަގުފަހިވެދާނެ ކަންކަން ކަމަށް ވެސް ހަބީބު ވިދާޅުވި އެވެ. ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އަދި ކެންޑިޑޭޓުންގެ އިންތިހާބީ ހައްގުތަކަށް އުނިކަން ނާންނާނެ ގޮތުގެ މަތިން ކެމްޕޭނު ޙަރާކަތްތައް ކުރިޔަށް ގެންދިޔުމަށް އިލްތިމާސްކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކެމްޕެއިނަށް ގއ. ވިލިނގިއްޔަށް ވަޑައިގެންނެވި ވަގުތާ ދިމާކޮށް އެރަށުގައި ވަނީ ހަމަނުޖެހުން ހިންގައިފަ އެވެ. އެ ހަމަނުޖެހުމުގެ ތެރެއިން 3 މީހަކު ފުލުހުން ވަނީ ހައްޔަރު ކޮށްފަ އެވެ.