އުކުނި ކޮށްޓުމާ ބެހޭ ގޮތުން އަހަރުމެންގެ މެދުގައި ދެކެވޭ ހެއްވާ މަޖާ ވާހަކަތަކެއް ހުރެ އެވެ. އުކުނި ކޮށްޓުމަކީ ދުރުގައިވާ މީހަކު ހަނދާން ކުރުމުން ނުވަތަ ކޮންމެވެސް ތަނަކުން ވައްކަމެއް ކޮށްގެން އައުމުން ވާ ކަމެކޭ ބުނެ އަހަރުމެންގެ ތެރޭގައި ދިމާކޮށް އުޅެ އެވެ.
ނަމަވެސް ހަށިގަނޑަށް އަންނަ މި ކުއްލި ބަދަލާމެދު ވިސްނާލަނީ މަދު ބައެކެވެ. މިއީ ހަށިގަނޑަށް އަންނަ ކޮން ބަދަލަކުން ކަމާއި އެ ބަދަލު އަންނަން މެދުވެރިވަނީ ކޮންކޮން ކަންތަކަކުން ކަން އެނގޭ ބަޔަކު ވަރަށް މަދުވާނެ އެވެ.
އުކުނި ކޮށްޓުމަކީ ފުރަމެއާއި އުނަގަނޑު ގުޅުވައިދޭ މަސްގަނޑު ކަމަށްވާ ޑައަފްރަމްއަށް ކުއްލި ޝޮކެއް ލިބި އުފެދޭ "ކޮންޓްރެކްޝަން" އަކުން ދިމާވާ ކަމެކެވެ. މި ކޮންޓްރެކްޝަންގެ ސަބަބުން އަޑު ނިކުންނަ ވައިހޮޅި ކުޑަ ހިނދުކޮޅަކަށް ބެދި ބޭރުފުށުން އެ ފެންނަ ހަރަކާތް ގެނެވެ އެވެ.
މިގޮތަށް މެދުވެރިވާން ދިމާވެދާނެ ގިނަ ސަބަބުތަކެއްވެ އެވެ. އޭގެތެރޭގައި މާ ބާރަށް ނުވަތަ ގިނައިރު ހުނުމާއި، ކުޅިކޮށް ކެއުން ނުވަތަ ނޭވާ ލުމުގައި ގެނެވޭ ކުއްލި ބަދަލެއް ހިމެނެ އެވެ. މި ނޫނަސް އުކުނި ކޮށްޓަން މެދުވެރި ކުރުވާ ނާދިރު ކަންކަމުގެ ތެރޭގައި ޑިޕްރެޝަން ނުވަތަ ސިއްހީ ހާލަތެއް ހިމެނެ އެވެ.
މާ ގިނައިރު ވަންދެން އުކުނި ކޮށްޓުމަކީ ސިއްހީ ގޮތުން ގިނަ މައްސަލަތަކެއް ކުރިމަތިވެދާނެ ކަމެކެވެ. އެހެން ކަމުން ވީ އެންމެ އަވަހަކަށް އުކުނި ކޮށްޓުން ހުއްޓުވަން މަސައްކަތް ކުރަން ޖެހޭނެ އެވެ. ނޫންނަމަ ކުރިން ބުނެވުނު މަސްގަނޑަށް ގެއްލުން ލިބި ނޭވާލުމުގެ ނިޒާމުގެ ބަލިތަކަށް މަގުފަހިވާނެ އެވެ.
އެގޮތުން އުކުނި ކޮށްޓުން ހުއްޓުވަން ކުރެވިދާނެ ކަންކަމުގެ ތެރޭގައި ފެން ބުއިން، ނޭވާ ހިފަހައްޓާލައިގެން ގުދަށް އޮތުން، ދޫ ބޭރު ކޮށްގެން އަނގައިން ނޭވާލުން ފަދަ ކަންކަން ހިމެނެ އެވެ.
މިއީ އަހަރުމެންނަށް މާ ސަމާލުކަމެއް ދެވޭ ކަމަކަށް ނުވި ކަމުގައި ވިޔަސް އެކަމުގެ މައުލޫމާތު އެނގިފައި އޮތުމަކީ ކުރިމަތވެދާނެ ނާދިރު ހާލަތަކުން ސަލާމަތްވާން ލިބޭ އެހީ އެކެވެ.