ނ. ހެނބަދޫގައި ސަރުކާރުން ގެންދިޔަ ތަރައްޤީގެ ހަތަރު މަޝްރޫއުއެއްގެ ނިމުން ރައީސް އިބްރާހީމް މުޙައްމަދު ސޯލިހް އިފްތިތާޙްކޮށްދެއްވައިފި އެވެ. މިގޮތުން ރައީސް ވަނީ އެރަށުގެ ފެނުގެ ނިޒާމާއި ބަނދަރު ހެދުމުގެ މަޝްރޫއު އާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އިތުރުން ފެނަކަ އާ އޮފީސް އިމާރާތާއި އިންޖީނުގެ ހުޅުއްވައިދެއްވާފަ އެވެ.

ހެނބަދޫގައި ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް އެމްޑަބްލިއުއެސްސީ އިން ފަށާފައިވަނީ 2021 ވަނަ އަހަރުގެ ޖޫންމަހުގަ އެވެ. މި މަޝްރޫއުގެ ދަށުން ހެނބަދޫގައި 4.83 ކިލޯ މީޓަރުގެ ފެން ހޮޅީގެ މައި ނެޓްވޯކަކާއި ފެން ރައްކާކުރުމަށް ތިން ތާންގީ ވަނީ ބަހައްޓާފަ އެވެ. މި މަޝްރޫޢަކީ ދައުލަތުގެ ބަޖެޓުން 41.36 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.

ހެނބަދޫގެ ބަނދަރު ހެދުމުގެ މަޝްރޫއުގެ ދަށުން އެރަށުގައި ކުރިން އޮތް ބަނދަރު ވަނީ ބޮޑުކޮށްފަ އެވެ. މިމަސައްކަތް ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 30.3 މިލިޔަން ރުފިޔާއަށެވެ. އެމްޓީސީސީން ވަނީ އެ މަސައްކަތް 2020 ވަނަ އަހަރުގައި ނިންމާލާފަ އެވެ.

ހެނބަދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީއާ ހަވާލުކުރީ 2020 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 20 ވަނަ ދުވަހުއެވެ. އަދި 2021 ވަނަ އަހަރު އެމަސައްކަތް ވަނީ ނިންމާލާފަ އެވެ. ހެނބަދޫގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތުގައި 235 މީޓަރުގެ ސަރަޙައްދެއްގައި ބޮޑު ހިލަ ޖަހައިގެން ވަނީ ހިމާޔަތްކޮށްފައެވެ. އަދި 25 މީޓަރުގެ ހުރަސް ތޮއްޓެއްލާ، 235 މީޓަރުގެ ސަރަހައްދުގަ ޖިއޯޓެކްސްޓައިލްސް ވަނީ ޖަހާފަ އެވެ.

ސަރުކާރުގެ ސިޔާސަތުގެ ދަށުގައި ހިމެނޭ ރަށްރަށުގެ މީހުން ދިރިއުޅޭ ސަރަހައްދުގައި ހުރި އިންޖީނުގޭތައް އެކަހެރި ސަރަހައްދަކަށް ބަދަލު ކުރުމުގެ ސިޔާސަތުގެ ދަށުން ނ. ހެނބަދޫގައި އަލަށް އިމާރަތް ކުރި އިންޖީނުގެއާއި އޮފީސް އިމާރާތުން މިހާރުދަނީ ޚިދުމަތްދެމުންނެވެ. ރަށުން ކަރަންޓު ކެނޑޭ މައްސަލަ ހައްލުކުރުމަށް އާ އިންޖީނުގެއާއެކު، ކަރަންޓު ކެޕޭސިޓީވެސް ވަނީ އިތުރުކޮށްފައެވެ. އެގޮތުން 100 ކިލޯވޮޓުން، 538 ކިލޯވޮޓްގެ ކެޕޭސިޓީއަކަށް ވަނީ އިތުރުކޮށްފަ އެވެ.