އަންނަ މަހު އޮންނަ ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށް މިހާރު ބަހައްޓާނީ 580 ވޯޓު ފޮށި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ކުރިން 609 ވޯޓު ފޮއްޓެއް ބެހެއްޓުމަށް އިލެކްޝަނުން ނިންމާފައި ވީނަމަވެސް، އެ އަދަދު މިހާރު 580 ވޯޓު ފޮއްޓަށް މަދުކުރެވިފައިވާ ކަމަށެވެ. އަދި ވޯޓު ފޮށި ބެހެއްޓުމަށް ކަނޑައަޅާފައިވާ އަދަދު ޔަގީން ވާނީ ވޯޓުލުމަށް ރަޖިސްޓްރީވީ މީހުން މަދުވުން، ވޯޓު ފޮށި ނުބަހައްޓަން ނިންމެވި ތަންތަނުގައި ރަޖިސްޓްރީވެފައިވާ މީހުން އަލުން ރަޖިސްޓްރީވުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެންކަމުން ވޯޓު ފޮށީގެ އަދަދަށް އަދިވެސް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް ހަބީބު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ދެވަނަ ފުރުޞަތެއް މިދެވޭ ފަރާތްތަކުން އެކި ތަންތަނަށް ރަޖިސްޓްރީވީމަ. ރަޖިސްޓްރީވުމަށް ފަހުގައި، ދެން އެތަންތަނުގައި ވޯޓު ފޮށި ބަހައްޓާ މިންވަރަށް،" އޭނާ ވިދާޅުވި އެވެ. "އެންމެ ގިނަވެގެން ވޯޓު ފޮއްޓެއް ބެހެއްޓުމަށްޓަކައި އަޅުގަނޑުމެން ކަނޑައަޅާ ސީލިންނަކީ 850. ނަމަވެސް 900 އަށް އެ އަދަދު އަރައިފިއްޔާ ދެ ފޮއްޓަން ބަދަލު ކުރަން އަޅުގަނޑުމެންނަށް ޖެހޭނެ. އެހެންވީމަ، އެގޮތަށް އަންނަ ބަދަލުތަކެއް އަތުވެދާނެ މީގަ އިނގޭތޯ." ހަބީބް ވިދާޅުވި އެވެ.

އަންނަ ރިޔާސީ އިންތިހާބުގެ ތައްޔާރީތަކާ ބެހޭ ގޮތުން އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނާއި އިސްވެރިން މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްްވަނީ. ފޮޓޯ: އިލެކްޝަންސް ކޮމިޝަން

އިންތިޚާބަށް ރީ ރަޖިސްޓްރީވުމަށް ހުޅުވާލި ފުރުޞަތުގައި 57،000 އަށްވުރެ ގިނަ ފޯމު ހުށައެޅި އެވެ. އޭގެ ތެރެއިން 6،536 ފޯމެއް ބަލައި ނުގަތުމަށް ނިންމެވި ކަމަށް ވެސް ހަބީބު ވަނީ ވިދާޅުވެފަ އެވެ.

މިފަހަރުގެ ރިޔާސީ އިންތިޚާބުގައި 282،395 ވޯޓު ލުމުގެ ހައްގު ލިބިގެންވެ އެވެ. މި އިންތިޚާބުގައި 8 ކެންޑިޑޭޓުން ވާދަކުރެ އެވެ. އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވާފައި ވަނީ އަންނަ ސެޕްޓެންބަރު މަހުގެ 9 ވަނަ ދުވަހު އެވެ. އަދި ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެނަމަ، ދެވަނަ ބުރެއްގެ ވޯޓުލުން އޮންނާނީ ސެޕްޓެންބަރު މަހުގެ 30 ގަ އެވެ.