ލަންޑަން (19 ޖެނުއަރީ) - އާބާދީގެ ނިސްބަތުން ކޮވިޑް ރޯގާ ޖެހިގެން އެންމެ ގިނައިން މީހުން މަރުވި ގައުމަކަށް އިނގިރޭސިވިލާތް ހިމެނިއްޖެ އެވެ.

ޔުނިވާސިޓީ އޮފް އޮކްސްފޯޑްގެ ރިސާޗް ޕްލެޓްފޯމެއް ކަމަށްވާ "އަވާ ވޯލްޑް އިން ޑޭޓާ" އިން ދައްކާ ގޮތުން އާބާދީގެ ނިސްބަތުން އެންމެ ގިނަ މީހުން ކޮވިޑް ޖެހިގެން މަރުވެފައިވަނީ އިނގިރޭސިވިލާތުންނެވެ.

އެ ގައުމުން އެވްރެޖްކޮށް ދުވާލަކު 935 މީހުން މި ރޯގާގައި މަރުވެ އެވެ. މީގެ ކުރިން އާބާދީގެ ނިސްބަތުން އެންމެ ގިނަ މީހުން މަރުވީ ޗެކްރިޕަބްލިކުން އެވެ.

އަވާ ވޯލްޑް އިން ޑޭޓާއިން ދައްކާގޮތުން މިއީ ޔޫރަޕްގައި ވެސް އެންމެ ގިނައިން މީހުން މަަރުވި ކަމަށް ރިކޯޑްކުރެވިފައިވާ ގައުމެވެ. މުޅި ދުނިޔެއިން ކޮވިޑް ރޯގާގައި މަރުވި މީހުންގެ އަދަދު އެމެރިކާ، ބްރެޒިލް، އިންޑިއާ އަދި މެކްސިކޯގައި ފަދަ ގައުމުތަކުގައި އިތުރުވެފައިވެ އެވެ. ނަމަވެސް އިނގިރޭސިވިލާތް މި ލިސްޓްގެ ކުރި ހޯދަނީ އެ ގައުމުތައް އިނގިރޭސިވިލާތުގެ އާބާދީއަށް ވުރެން ބޮޑުވުމުންނެވެ.

އިނގިރޭސި ސަރުކާރުން ހާމަކުރި އެންމެ ފަހުގެ ޑޭޓާއަށް ބަލާއިރު މިދިޔަ އަހަރު އެ ގައުމުގައި އެންމެ ބޮޑަށް ކޮވިޑް ފެތުރުނު އިރު ހޮސްޕިޓަލުގައި އެޑްމިޓްކުރެވުނު މީހުންނަށް ވުރެ، މިހާރު ހޮސްޕިޓަލުގައި އެޑްމިޓްކުރާ މީހުންގެ ނިސްބަތް ގިނަ އެވެ. އަދި އެ އަދަދު ކުރިއަށް އޮތް ދުވަސްތަކުގައި އިތުރުވެގެންދާނެ ކަމަށް އޮފިޝަލުން ލަފާކުރެ އެވެ.

އިނގިރޭސި ވިލާތުގައި ވަނީ 3.4 މިލިއަން ކޮވިޑް ކޭސް ރިކޯޑްކުރެވިފަ އެވެ. އާބާދީގެ ނިސްބަތުން ބަލާނަމަ ކޮންމެ 20 މީހުންގެ ތެރެއިން 1 ކޮވިޑަށް ވަނީ ޕޮޒިޓިވްވެފަ އެވެ. - އިންޑިޕެންޑެންޓް