ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން މާލޭ ރައްޔިތުންނަށް ދޫކުރާ ގޯތި ލިބޭ މީހުންގެ ފައިނަލް ލިސްޓް މިރޭ ނެރެ، އަންނަ އަންގާރަ ދުވަހު ގޯތި ކަނޑަން ނިންމައިފި އެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ އެ ލިސްޓްގައިވާ އެންމެނަށް ގޯތި ލިބޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ ސަރުކާރު ބަދަލުވިޔަސް ދައުލަތުން ދީފައިވާ ގޯއެއްޗެއް އަތުނުލެވޭނެ ކަމަށެވެ. ގޯތި ދޫކުރާނީ ރަޖިސްޓްރީއާއެކު ކަމަށް ވެސް އަކްރަމް ވިދާޅުވި އެވެ.

ސަރުކާރުން ހިންގާ ބިންވެރިޔާ ޕްރޮގްރާމުގެ ދަށުން ގޯއްޗަށް އެދުނު މީހުންގެ ތެރެއިން ޝަރުތު ހަމަވާ އެންމެންނަށް ގޯތި ދޭން ނިންމާ ލިސްޓު އާންމުކުރީ ޖޫން 26 ވަނަ ދުވަހު އެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް އެދި 23088 މީހުންގެ ފަރާތުން، 15164 އެޕްލިކޭޝަން ހުށައަޅާފައިވެ އެވެ. ވަކިން ހުށަހެޅި މީހުންނާއި ޖޮއިންޓް ފޯމު ހުށަހެޅި މީހުންނާއެކު ލިސްޓްގައި ގޯތި ލިބޭ މީހުންގެ ތެރޭގައި 10314 މީހުން ހިމެނެ އެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް ހުށައެޅި ފަރާތްތަކުގެ ތެރެއިން، 19857 މީހުން ހުށައެޅި، 12794 ފޯމު ވަނީ ޝަރުތުހަމަވެފަ އެވެ.