އަންނަ މަހުގެ 9 ގައި އޮންނަ ރިޔާސީ އިންތިހާބާ ގުޅިގެން އޮބްޒާވަރުންނާއި މޮނިޓަރުންގެ ގޮތުގައި 8،152 މީހުންގެ އެޕްލިކޭޝަން ފޯމް ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު މިއަދު ވިދާޅުވީ ރިޔާސީ އިންތިހާބު މޮނިޓަ ކުރުމަށް ރާއްޖޭގެ މީޑިއާތަކުން މޮނިޓަރުންގެ ގޮތުގައި 4،545 އެޕްލިކޭޝަން ލިބިފައިވާ ކަމަށެވެ. އަދި އިންތިހާބުގެ އޮބްޒާވަރުންގެ ގޮތުގައި ސިޔާސީ ޕާޓީތަކުންނާއި ޖަމިއްޔާ ޖަމާއަތްތަކުންނާއި އަމިއްލަ ގޮތުން ކުރިމަތިލެއްވި ބޭފުޅުންނާއެކު، 3،607 އެޕްލިކޭޝަން، އޮބްޒާވަރުންނާއި މޮނިޓަރުންގެ ގޮތުގައި ޖުމްލަ 8،152 އެޕްލިކޭޝަން އިލެކްޝަނަށް ލިބިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހަބީބް ވިދާޅުވީ އެޕްލިކޭޝަންތަކުގެ މައުލޫމާތު ކަށަވަރުކޮށް އެކްރެޑިޓް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

"ރާއްޖޭގެ މޮނިޓަރުންނާއި، އޮބްޒާވަރުންގެ އިތުރުން، އިންޓަނޭޝަނަލް އޮބްޒާވަރުންނާއި މޮނިޓަރުންގެ އޮބްޒަރވޭޝަންތަކާއެކު، ރިޔާސީ އިންތިހާބު 2023 ވެގެންދާނީ، އެންމެ ރަނގަޅަށް، އެންމެ ގިނަ އަދަދެއްގެ ބޭފުޅުން، އޮބްޒާވްކޮށް މޮނިޓާ ކުރެވޭނެ އިންތިހާބަށް،" ހަބީބް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރިޔާސީ އިންތިހާބުގައި 574 ވޯޓުލާ މަރުކަޒު ހުންނައިރު ކޮންމެ މަރުކަޒެއްގައި، އިންތިހާބު އޮބްޒާވްކޮށް މޮނިޓާކުރުމަށް ގާތްގަނޑަކަށް 14 މީހުން ތިބުމަކީ އިންތިޚާބުގެ ކަންކަން ގާނޫނާއި ގަވާއިދުގެ އިމުގެ ތެރެއިން ކުރިޔަށް ގެންދިޔުމަށް، އިލެކްޝަންސް ކޮމިޝަނަށް ލިބިގެންދާ ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ. މި އިންތިޚާބުގައި އޮބްޒާވްކުރުމުގައި ބޭރުގެ 150 އަށްވުރެ ގިނަ އޮފިޝަލުން ހަރަކާތްތެރިވާނެ ކަމަށް ބެލެވޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ.

މިފަހަރުގެ ރިޔާސީ އިންތިޚާބަކީ މަލްޓިޕާޓީ ނިޒާމުގެ ތެރެއިން ބޭއްވޭ ރިޔާސީ އިންތިޚާބުތަކުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ކެންޑިޑޭޓުން ވަދަކުރައްވާ އިންތިޚާބެވެ.