ސެޕްޓެމްބަރު 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރާ އަށް ކެންޑިޑޭޓުންގެ ރިޔާސީ ބަހުސް އަންނަ މަހު 1 ވަނަ ދުވަހު ޕީއެސްއެމުން ދައްކަން ނިންމައިފި އެވެ.
ޕީއެސްއެމާއި ގައުމީ ޔުނިވާސިޓީ ގުޅިގެން ބާއްވާ ރިޔާސީ ބަހުސް ސެޕްޓެމްބަރު 1 ވަނަ ދުވަހުގެ ރޭ 9 އިން 11 އަށް ޕީއެސްއެމް ނިއުސް އާއި ދިވެހި ރާއްޖޭގެ އަޑުން ވަގުތުން ގެނެސްދޭނެ ކަމަށް ޕީއެސްއެމުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ. ޕީއެސްއެމާއި ގުޅިގެން އެ ބަހުސް އެހެން މީޑިއާތަކުން ދެއްކުމުގެ ފުރުސަތު ވެސް ދޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
ބަހުސްގައި ބައިވެރިވުމަށް ހުރިހާ ކެންޑިޑޭޓުންނަށް މިހާރު ވަނީ ދައުވަތު ދީފަ އެވެ. ބަހުސްގައި، ކެންޑިޑޭޓުންގެ ތަސައްވަރާއި މެނިފެސްޓޯއާ ގުޅޭގޮތުން ސުވާލުކުރާނެ އެވެ. އަދި ކެންޑިޑޭޓުންގެ ރަނިންމޭޓުންނަށް ހާއްސަކޮށްގެން މި މަހުގެ ތެރޭގައި ޓޯކް ޝޯއެއް ބޭއްވުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް ޕީއެސްއެމުން ބުންޏެވެ.
މިއީ ރާއްޖޭގައި ރިޔާސީ އިންތިޚާބެއްގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ ފަހަރެވެ. މި ފަހަރުގެ އިންތިޚާބުގައި އަށް ކެންޑިޑޭޓުން ވާދަކުރެ އެވެ. އޭގެ ތެރޭގައި އަމިއްލަ ގޮތުން ވާދަކުރާ ތިން ކެންޑިޑޭޓުން ވެސް ހިމެނެ އެވެ. މި ފަހަރުގެ އިންތިޚާބުގައި ކެންޑިޑޭޓާއި ރަނިންމޭޓުގެ ގޮތުގައި ދެމަފިރިން ވެސް ވާދަކުރެ އެވެ. މިއީ ރާއްޖޭގެ ތާރީޚުގައި ވެސް މުޅިން އާ ކަމެކެވެ.
މި ފަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރަނީ
- އުމަރު ނަސީރު (އަމިއްލަ)
- ހަސަން ޒަމީލް (އަމިއްލަ)
- ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އެމްޑީޕީ)
- ޑރ. މުހައްމަދު މުއިއްޒު (ޕީއެންސީ)
- ގާސިމް އިބްރާހިމް (ޖުމްހޫރީ ޕާޓީ)
- އަހުމަދު ފާރިސް މައުމޫން (އަމިއްލަ)
- އިލްޔާސް ލަބީބު (ޑިމޮކްރެޓްސް)
- މުހައްމަދު ނާޒިމް (އެމްއެންޕީ)
މި ފަހަރުގެ ރިޔާސީ އިންތިޚާބުގައި، ރާއްޖޭގެ ދެ ވަނަ އަށް އެންމެ ބޮޑު ސިޔާސީ ޕާޓީ ޕީޕީއެމުން ކެންޑިޑޭޓަކު ވާދައެއް ނުކުރެ އެވެ. އެ ޕާޓީން ކަނޑައެޅި ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީނަށް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލުނީ ޖަލު ހުކުމެއްގައި ހުންނެވުމުގެ ސަބަބުންނެވެ. އެކަމަކު ރައީސް ޔާމީނުގެ ބަދަލުގައި އެހެން ކެންޑިޑޭޓަކަށް އެ ޕާޓީން ފުރުސަތު ދީފައެއް ނުވެ އެވެ.