އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބ އަދި ރ އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕޭނު ކުރެއްވުމަށްޓަކައި މާދަމާ ބ. އަތޮޅުގެ ރަށްތަކަށް ރައީސް ސޯލިހު ދަތުރުފުޅު ފައްޓަވާއިރު، މިދިޔަ ހަފްތާގައި ވަނީ ރައީސް އާލާސްކަންފުޅާ އުޅުއްވާތީ އއ އަދި އދ އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅު ކުރުކޮށްލެއްވުމަށްފަހު މާލެ ވަޑައިގެންފަ އެވެ.

ކެމްޕޭންގެ މި ދަތުރުފުޅުގައި ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ކޯލިޝަން ޕާޓްނަރުން ވެސް ބައިވެރިވެ އެވެ.

ރައީސް ސޯލިހު އއ.އަތޮޅަށް ކުރެއްވި ކެމްޕޭން ދަތުރުފުޅުގެ ތެރެއިން

ރައީސް ސޯލިހުގެ މި ދަތުރުފުޅުގައި މި ސަރުކާރުން ހިންގި ބައެއް މަޝްރޫއުތައް އިފްތިތާހުކޮށް ދެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ރައީސް ސޯލިހް މިހާތަނަށް ވަނީ ހއ، ހދ، ށ، ވ، މ، ނ، ގދ، ގއ އަދި ފުވައްމުލަކާއި ކ އަތޮޅުގެ ރަށްތަކުގެ އިތުރުން އއ. އަތޮޅުގެ ބައެއް ރަށްތަކަށް ވަޑައިގެންފަ އެވެ.

އަންނަ މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ވޯޓުލާން ދެން އޮތީ ޖުމްލަ 20 ދުވަހެވެ. ގިނަ ކެންޑިޑޭޓުން މިހާރު ގެންދަވަނީ ރަށްތަކަށް ވަޑައިގެން ކެމްޕެއިން ކުރައްވަމުންނެވެ.