ދެ ވަނަ ދައުރަކަށް އިންތިހާބު ވެއްޖެނަމަ ފުޅަދޫ ފެހެންދޫ އަދި ގޮއިދޫ ފަޅުތެރޭގައި ރިސޯޓެއް ތަރައްޤީކުރުމަށް ހުޅުވާލާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އަންނަ މަހު ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބަށް މިހާރު ބ.އަތޮޅަށް ކުރައްވާ ކެމްޕޭން ދަތުރުފުޅުގައި އެއަތޮޅު ފުޅަދޫގައި ބޭއްވި ކެމްޕޭން ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ އެ ތިން ރަށުގެ ފަޅުގައި ރިސޯޓެއް ތަރައްގީ ކޮށްދެއްވާނެ ކަމަށެވެ. އަދި ގުދުރަތީ ގޮތުން ބޮޑު މުއްސަނދިކަމެއް ލިބިފައިވާ އަދި ރީތި ގޮނޑުދޮށެއް ލިބިފައިވާ ސަރަހައްދެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ފަތުރުވެރިކަން ތަރައްގީކުރުމަށް އެ ސަރަހައްދަށް ވުރެ ވަކި ރަނގަޅު ސަރަހައްދެއް ނެތް ކަމަށެވެ. އެހެންކަމުން އެސަރަހައްދުގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ގިނަ ޕްލޭންތަކެއް ހުރިކަން ރައީސް ފާހަގަކުރެއްވި އެވެ.

"މިފަޅު ތެރޭގައި. ގޮއިދޫ، ފެހެންދޫ، ފުޅަދޫ ފަޅުތެރޭގައި ރިސޯޓެއް ހެދުމަށްޓަކައި އަޅުގަނޑުމެން އޯޕަން ކޮށްލާނަން ޕްރައިވެޓް ސެކްޓާއަށް. މިއަށްވުރެ ވަކި ފައްކާ ސަރަހައްދެއް ޓޫރިޒަމަކަށް ނޯންނާނެ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހު މިހާރު ބ.ފުޅަދޫގައި ބޭއްވި ކެމްޕޭން ޖަލްސާގެ ތެރެއިން

މިޖަލްސާގައި ރައީސް ސޯލިހު އިތުރަށް ވިދާޅުވީ ފުޅަދު އާއި ގޮއިދޫ އަދި ފެހެންދު އަކީ މި އަތޮޅުގައި ވަކިން އޮންނަ ތިން ރަށްކަމުން މީގެ ކުރީ ސަރުކާރުތަކުގައި މި ތިން ރަށަށް ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށެވެ. އަދި ދެ ވަނަ ދައުރަކަށް ހޮވިވަޑައިގެންފި ނަމަ މި ރަށަށް ގިނަ ކަންތައްތައް ކޮށްދޭނެ ކަމަށް ރައީސް ވައުދުވި އެވެ.

ރިސޯޓެއް ތަރައްގީކުރުމުގެ އިތުރުން ފުޅަދޫގައި ފްލޯޓިން ޖެޓީއަކާއި، ކޮމިއުނިޓީ ސެންޓަރަކާއި، އިންޑޯ ވޮލީ ކޯޓެއްގެ އިތުރުން ސިއްހީ މަރުކަޒުގައި ލެބޯޓްރީގެ ހިދުމަތާއި، މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކެއްގެ އިތުރުން ވޭސްޓްމެނޭޖްމަންޓް ސެންޓަރެއް އަޅުއްވައިދެއްވާނެ ކަމަށް ރައީސް ވައުދުވެވަޑައިގެންނެވި އެވެ.