ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަހައްދުން ގޯތި ލިބުނު މީހުންނަށް ރެޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތް ބުރާސްފަތި ދުވަހު ފަށަން ޕްލޭނިން މިނިސްޓްރީން ނިންމައިފި އެވެ.

މާލެ ސަރަހައްދުން ގޯތި ލިބުނު މީހުންގެ ގުރުއަތުލުން މިހާރު ވަނީ ނިމިފަ އެވެ.

މާލޭގެ ރައްޔިތުންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން 19،639 މީހުންނަށް ގޯތި ލިބުނެ އެވެ. އެއީ 9000 އަށް ވުރެ ގިނަ ބިމެވެ. ގޯތި ލިބުނު މީހުންނަށް ބިން ލިބޭ ތަން ކަނޑައެޅުމަށް ކުރިއަށްގެންދިޔަ ގުރުއަތުނެގުން ހަފްތާއަކަށް ވަނީ ކުރިއަށް ގެންދިޔަ އެވެ. ގުރުއަތުލުން ކުރިއަށްގެން ދިޔައީ ގަލޮޅުގަނޑުގަ އެވެ.

މި ޕްރޮޖެކްޓްގައި ހުޅުމާލެއިން 1،351 ބިން، ގުޅިފަޅުން 2،218 ބިން އަދި ގިރާވަރު ފަޅުން 5،432 ބިން ދީފައިވެ އެވެ. އެއީ ޖުމްލަ 9،001 ގޯއްޗެވެ.

ޕްލޭނިން މިނިސްޓްރީގެ އިސް އޮފިޝަލަކު ވިދާޅުވީ ގޯތީގެ ގުރުއަތު ނެގުމުގެ ހުރިހާ މަސައްކަތްތައް ހޯމަ ދުވަހުގެ ނިޔަލަށް ނިމިފައިވާ ކަމަށެވެ. އެގޮތުން ގުރުއަތު ނެގުމަށް ނާދެވުނު މީހުންނަށް ވެސް އިތުރު ފުރުސަތެއް ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ގުރުއަތު ނަގަން ނާދެވުނު މީހުންނާއި ބަދަލުގައި މީހަކު ނުފޮނުވާ މީހުންގެ ގުރުއަތު ވެސް، މިނިސްޓްރީގެ އޮފިޝަލުން މެދުވެރިކޮށް މިހާރު ވަނީ ނަގައިފަ އެވެ.

އެ އޮފިޝަލް ވިދާޅުވީ މިހާރު ތައްޔާރުވަނީ ގޯތި ލިބުނު މީހުންނަށް ލިޔުން ހަވާލުކުރުމުގެ މަސައްކަތް ފެށުމަށް ކަމަށެވެ. އެގޮތުން މިނިސްޓްރީން މަސައްކަތް ކުރަނީ އަންނަ ބުރާސްފަތި ދުވަހު، ގޯތީގެ ލިޔުން ހަވާލުކުރުމުގެ މަސައްކަތް ފެށުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"ސަރުކާރުން މަސައްކަތް ކުރަމުންދަނީ ގޯތި ލިބުނުކަމުގެ ލިޔުމެއް ދިނުމުގެ ބަދަލުގައި، ގޯތީގެ ރެޖިސްޓްރީ ވެރިފަރާތާ ހަވާލުކުރަން،" އެ އޮފިޝަލް ވިދާޅުވި އެވެ.

ޕްލޭނިން މިނިސްޓްރީން އަންނަނީ ހުޅުމާލެއިން ބިން ލިބުނު މީހުންގެ ބިން ކަނޑާއި އެމީހުންނަށް ބިންތައް ބެލޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. އަދި ގުޅިފަޅާއި ގިރާވަރު ފަޅު ހިއްކާ ނިމެމުންދާ ވަރަކަށް، އެތަންތަނުގެ ބިންތައް ކަނޑާ ހަވާލުކުރުރުމުގެ މަސައްކަތް ވެސް ކުރިއަށްގެންދާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ.

ބިން ހިއްކުމުގެ މަޝްރޫޢުގެ ބޮޑު ބައެއް މިހާރު ވަނީ ނިންމާފައެވެ. ގޯތިތައް ހަވާލުކުރުމުގެ މަސައްކަތްތައް ކުރިއަށް އޮތް ދެމަހެއްހާ ދުވަހުން ނިންމާނެކަމަށް ޕްލޭނިން މިނިސްޓްރީން ބުނެ އެވެ.

މާލޭގެ ރައްޔިތުންނަށް ގޯތި ދޫނުކުރާތާ 40 އަށްވުރެ ގިނަ އަހަރު ވަނީ ވެފަ އެވެ. އެހެންކަމުން މާލޭގެ ރައްޔިތުންނަށް ޚާއްސަކޮށް ބަންޑާރަ ގޯތި ދޫކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވަރަށް މުހިންމު ވައުދެކެވެ.