ކުރިއަށް އޮތް ރިޔާސީ އިންތިހާބު ސީރިއަސްކަމާއެކު ކާމިޔާބު ކުރުމަށް މަސައްކަތް ކުރައްވާ ތިއްބެވީ މަދު ކެންޑިޑޭޓެއް ކަމަށާ ގިނަ ބޭފުޅުން އުޅުއްވަނީ ސަރުކާރު މަގާމުތައް ހޯއްދަވަން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު ކެންދޫގައި މިއަދު ހަވީރު ބޭއްވި ބަނދަރު ޖަލްސާގައި ރައީސް ވިދާޅުވީ ސީރިއަސް ކަމާއެކީގައި އިންތިހާބު ކާމިޔާބު ކުރުމަށް މަސައްކަތް ކުރަނީ މަދު ކެންޑިޑޭޓުން ކޮޅެއް ކަމަށެވެ. ދެން ތިބި ބޭފުޅުން މަސައްކަތް ކުރަނީ ދެވަނަ ބުރަކަށް ގެންދެވޭނީ ކިހިނެއްތޯ އާއި ވޯޓުތައް ބައިބާކޮށްލައިގެން ކޯލިޝަނެއް ހަދައިގެން ލިބޭނީ ކިތައް ވަޒީފާތޯ ހޯދުމަށް ކަމަށެވެ.

"ކެބިނެޓުގައި ލިބޭނީ ކިތައް ޕޯސްޓުތޯ ކުންފުނިތަކުގެ ކިތައް އެމްޑީންތޯ ލިބޭނީ، މިކަމުގައި އެބޭފުޅުން އެމަސައްކަތް ކުރަނީ ބައެއް ބޭފުޅުން ވަރަށް ކޯފާ އިސްކުރައްވާ މަންޒަރުތައް ފެނޭ. އަޅުގަނޑު ދަންނަވާނީ އެހުރިހާ ބޭފުޅުންނަށް ވެސް ޖަންގަލީގައި ހުންނާނީ މަގުތައް އެނގި ގޮތަށް އަންތަރީސްނުވެ އަރާ ވިސްނުން އިސްކުރަން ޖެހޭނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިއިންތިހާބު މިއޮތީ ފުރަތަމަ ބުރުން ނިމިފައި ކަމަށާ އެކަމުގައި އެއްވެސް ޝައްކެއް ނެތް ކަމަށެވެ. އަދި ދެން ވެސް ކުރަންވީ ކަމަކީ ވިސްނުން އިސްކުރައްވާ އެމްޑީޕީއާއި އެއްކޮޅަށް އެރުން ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ އިންތިހާބު ދެވަނަ ބުރަށް ގެންގޮސް ސަރުކާރުން ބައި ނަގަން ނޫޅުއްވުމަށް އެދިވަޑައިގެންފަ އެެވެ. އަދި ވަގުތު ފާއިތު ނުވަނީސް އެމްޑީޕީއާއި ގުޅުމަށް ދެންތިއްބެވި ކެންޑިޑޭޓުންނަށް ރައީސް ދައުވަތު ދެއްވި އެވެ.

ރައީސް ވަނީ ބައެއް ކެންޑިޑޭޓުން ވަރަށް ކޯފާވެގެން އުޅުއްވާކަން ފަހަގަ ކުރައްވަފަ އެވެ. އެއީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ކަމަށް ބެލެވެ އެވެ. ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯތަކުން ބައެއް ރަށްރަށަށް ގާސިމް ވަޑައިގެން ވަރަށް ކޯފާ އިސްކުރައްވާ ވާހަކަ ދައްކަވާތަން ފެނެ އެވެ.

ސީރިއަސް ކަމާއެކު އިންތިހާބު ކާމިޔާބު ކުރައްވަން މަސައްކަތް ކުރައްވަނީ ވަރަށް މަދު ބޭފުޅުން ކަމަސް ރައީސް ވިދާޅުވެ އެހެން ކެންޑިޑޭޓުންނަށް ފާޑު ވިދާޅުވި އިރު، ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް 8 ކެންޑިޑޭޓުން ކުރިމަތިލެއްވި އެވެ. އެހެން ނަމަވެސް ވާދަވެރި ކެމްޕެއިނެއް ކުރައްވަތަން ފެންނަނީ އެމްޑީޕީއާއި ޕީޕީއެމް/ޕީއެންސީ ކޯލިޝަން އެކަންޏެވެ.