އެމްޑަބްލިޔުއެސްސީގެ ވޯޓާ ސެކިއުރިޓީ ޕްލޭންގެ ދަށުން މާލޭ ސަރަހައްދުގެ ރައްޔިތުންނަށް، ފޯރުކޮށްދެމުންދާ ފެނުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، މެދުކެނޑުމެއްނެތި، ދެމެހެއްޓެނިވި ގޮތުގައި ފޯރުކޮށްދިނުމަށްޓަކައި ކުންފުނިން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން، ހުޅުމާލެ އޮޕަރޭޝަން ސެންޓަރުގައި އިތުރު އާރްއޯ ޕްލާންޓެއް ބެހެއްޓުމުގެ މަސައްކަތް ނިންމައި، ފެން އުފެއްދުމުގެ މަސައްކަތް ފަށައިފި އެވެ.
މި ޕްލާންޓުން ފެން އުފެއްދުމުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައި ދެއްވީ މިއަދު އެމްޑަބްލިޔުއެސްސީގެ ހުޅުމާލޭގެ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ރަސްމިއްޔާތެއްގައި ނައިބު ރައީސް ފައިސަލް ނަސީމެވެ. އެ ރަސްމިއްޔާތުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އާއި ސީނިޔާ މެނޭޖްމަންޓް ޓިމް އަދި މިކުންފުނީގެ ހީވާގި މުވައްޒަފުން ބައިވެރިވިއެވެ.
މާލޭ ސަރަޙައްދުގެ ވޯޓަރ ސެކިއުރިޓީ ޕްލޭންގެ ދަށުން، ހުޅުމާލޭގައި ބެހެއްޓި އާރްއޯ ޕްލާންޓުން ދުވާލަކު 3,000 ޓަނުގެ ފެން އުފެއްދޭނެއެވެ. މިއާއެކު، ހުޅުމާލޭގައި ދުވާލަކު ފެން އުފެއްދޭ މިންވަރު ކުރިއާއި އަޅާބަލާއިރު އެތައްގުނަ އިތުރުވެ، މެދުކެނޑުމެއްނެތި، ދެމެހެއްޓެނިވިގޮތެއްގައި ރައްކާތެރި ފެނުގެ ޚިދުމަތް ފޯރުކޮށްދިނުމަށް މަގުފަހިވެގެން ދާނެއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޑަބްލިޔުއެސްސީ ގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވީ މާލޭ ސަރަޙައްދުގައި އިތުރުވަމުންދާ އާބާދީއަށް އެކަށީގެންވާ ފެނާއި ނަރުދަމާގެ ނިޒާމެއް ގާއިމްކުރުމަކީ އެމްޑަބްލިޔުއެސްސީގެ އަމާޒަށްވީއިރު، އެކަން ޔަގީންކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް މިހާރުވެސް ދަނި ކުރަމުން ކަމަށެވެ.
މިގޮތުން، މާލޭގެ އޮޕަރޭޝަން ސެންޓަރު ޑިސެންޓްރަލައިޒްކޮށް، ފެން އުފައްދަމުންދާ މައި އިމާރާތުގެ އިތުރުން، ދެ ސަރަހައްދެއްގައި ފެން ޕްލާންޓް ބަހައްޓައި ފެން އުފައްދަމުން އަންނަ ކަމަށެވެ. މީގެ އިތުރުން، މާލެ އާއި ހުޅުމާލޭގެ ފެނުގެ ނެޓްވޯކް ގުޅާލުމަށްޓަކައި، ބްރިޖް މެދުވެރިކޮށް ހޮޅި ލައިން އެޅުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.
ހަމަމިއާއެކު، މިސަރަހައްދުގައި ފެން ރައްކާކުރެވޭ މިންވަރު އިތުރުކުރުމަށްޓަކައި، މާލޭ އެސްޓީއޯ ގެ ރެޑިމިކްސް ސަރަހައްދުގައި 13,000 ޓަނުގެ 2 ތާންގީ ބެހެއްޓުމުގެ މަސައްކަތާއި، ހުޅުމާލޭގައި ހުންނަ މިކުންފުނީގެ އޮޕަރޝަން ސެންޓަރުގައި 10,000 ޓަނުގެ އެއް ތާނގީ ބެހެއްޓުމުގެ މަސައްކަތްވެސް ކުރަމުން އަންނަކަން އެ ކުންފުނިން ފާހަގަކުރެ އެވެ.
އެމްޑަބްލިޔުއެސްސީ ގެ އަމާޒަކީ ދެމެހެއްޓެނެވި ގޮތެއްގައި ރައްކާތެރި ބޯފެން އެންމެހާ ރައްޔިތުނަށް ފޯރުކޮށްދިނުން ކަމަށް އެ ކުންފުނިން ބުންޏެވެ.