ވޮޝިންޓަން (20 ޖެނުއަރީ) މިއަދަކީ ޑިމޮކްރަސީއަށް ކާމިޔާބު ލިބުނު ދުވަސް ކަމަށް އެމެރިކާގެ އާ ރައީސް ޖޯ ބައިޑެން މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސްގެ ހައިސިއްޔަތުން ފުރަތަމަ ފަހަރަށް ގައުމާ މުހާތަބުކުރައްވައި ވާހަކަ ދައްކަވަމުން ބައިޑެން ވިދާޅުވީ "މިއަދަކީ އެމެރިކާގެ ދުވަސް" ކަމަށެވެ. އަދި މިއަދަކީ ޑިމޮކްރަސީއަށް ކާމިޔާބު ލިބުނު ދުވަސްކަމަށާއި، އުންމީދުތަކާ ގުޅިފައިވާ ތާރީހީ ދުވަހެއް ކަމަށެވެ.

ބައިޑެންގެ ހިތޯބުގައި އެމެރިކާ ވަނީ ގިނަ ކަންކަން ތަޖުރިބާކޮށްފައި ކަމަށާއި، ވަރަށް ދަތި ދުވަސްތަކަކާއެކު ވެސް އެމެރިކާގެ ރައްޔަތުން ވަނީ ނަމޫނާ ދައްކާފައި ކަމަށް ވިދާޅުވި އެވެ. އަދި ޑިމޮކްރަސީގެ ރީތި ގޮތްތަކަށް އެމެރިކާއަކީ އެންމެ ކުރީންސުރެ އަމަލުކުރަމުން އައި ގައުމެއްކަމަށާއި، ޑިމޮކްރަސީ ދަންނަ ހަމައެކަނި ކަމަކީ ރައްޔިތުންގެ ބާރުކަމަށާއި، ރައްޔިތުން މިއަދު ބަސްބުނެފި ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

އެމެރިކާގެ ރައީސްކަމުގެ ހުވާ ބައިޑެން ކުރެއްވުމުގެ ރަސްމިއްޔާތަށް ކެޕިޓަލް ހިލް ތައްޔާރުވެފައި. ފޮޓޯ: އޭއެފްޕީ

ބައިޑެންގެ ހިތާބުގައި ވަނީ ކުރީގެ ރައީސުންނަށް ޝުކުރު އަދާކުރައްވައިފަ އެވެ.

އެ ރަސްމިއްޔާތުގައި ބައިވެރި ނުވެވުނު ބޭފުޅުން ވެސް ހިމެނޭގޮތަށް ބައިޑެން ވިދާޅުވި ގޮތުގައި އެމެރިކާގެ ޑިމޮކްރަސީއަކީ އެ ހުރިހާ ބޭފުޅުންގެ ބުރަ މަސައްކަތުން މިހާހިސާބަށް ގެނެވުނު އެއްޗެކެވެ.

އެމެރިކާގެ ރައީސްކަމުގެ ހުވާ ބައިޑެން ކުރެއްވުމުގެ ރަސްމިއްޔާތަށް ކެޕިޓަލް ހިލްގައި ވީއައިޕީ އޮފިޝަލުން މަޑުކޮށްލައްވައިގެން. ފޮޓޯ: އޭއެފްޕީ

ކޮވިޑް ރޯގާގެ ސަބަބުން ގައުމަށް ކުރިމަތިވެފައިވާ ހީނަރުކަމާއި، އަދި ގިނަ އަދަދެއްގެ ބަޔަކު މި ރޯގާގާއި މަރުވަމުންދާ ކަމަށް އިޝާރާތްކުރައްވައި ކުރިއަށް އޮތީ ދަތި އުނދަގޫ ދުވަސްތަކެއް ކަމަށް ބައިޑެން ވިދާޅުވި އެވެ. އަދި އޭނާގެ ސަރުކާރުން މި ދަތި އުނދަގޫތަކުން އަރައިގަތުމަށް އަވަސް ސްޕީޑްގައި މަސައްކަތްކުރައްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އެމެރިކާގެ ރައީސްކަމުގެ ހުވާ ބައިޑެން ކުރެއްވުމުގެ ރަސްމިއްޔާތަށް ކެޕިޓަލް ހިލްގެ ވިނަގަނޑުމަތީގައި އެމެރިކާގެ ގައުމީ ދިދަ ޖަހާފައި. ފޮޓޯ: އޭއެފްޕީ

ބައިޑެން ވިދާޅުވީ ގައުމަށް ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށާއި އަދި އެމެރިކާގެ ހަމަޖެހުމާއި ސުލްހަ މަސަލަސްކަމަށް ބޭނުން ވަނީ ހުރިހާ އެންމެންގެ އެއްބާރުލުމާއި އެކުވެރިކަން ކަމަށެވެ. އަދި އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާނީ ރުޅިވެރިކަމާއި ނަފްރަތާއި، ހައްދަފަހަނަ އަޅައިދިއުމާއި، ވަޒީފާ ނެތުމާއި ނާއުންމީދާއި ދެކޮޅަށް އެންމެން އެކުގައި މަސައްކަތްކުރުމަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އެމެރިކާގެ 46 ވަނަ ރައީސްކަމުގެ ހުވާ ބައިޑެން ކުރައްވަނީ. ފޮޓޯ: އޭއެފްޕީ

ބައިޑެން ވަނީ އެމަނިކުފާނަކީ އެމެރިކާގެ ހުރިހާ އެންމެންގެ ރައީސެއްކަމަށް ވިދާޅުވެފަ އެވެ. އަދި މަސައްކަތް ކުރައްވާނީ އެންމެންގެ މަސްލަހަތު ހިމާޔަތްކުރުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.

ބައިޑެން ވިދާޅުވީ ހިތްހަމަނުޖެހޭ ކަމެއް ނުވަތަ އެއްބަސްނުވެވޭ ކަމެއް ދިމާވުމަކީ ހަމަޖެހުން ނަގާލަންޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި ހުރިހާ އެންމެންގެ ހައްގުގައި ވަކާލާތު ކުރައްވާނެ ކަމަށް ތަކުރާރުކޮށް އެ މަނިކުފާނު ވިދާޅުވި އެވެ.