ގައުމަށް ގައްދާރުވާ މީހުންނަށް ދޭނީ ހަރުކަށި އަދަބު ކަމަށާއި އެކަމާ ގުޅޭ ގާނޫނެއް ވުޖޫދު ކުރާނެ ކަމަށް ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރ. ދުވާފަރުގައި މިރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި މުއިއްޒު ވިދާޅުވީ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ގެއްލޭ ގޮތަށް މި ސަރުކާރުގެ ބައެއް ވެރިން އަމަލުކޮށްފައިވާ ކަމަށާއި އޭނާގެ އެންމެ އިސް ސިޔާސަތަކީ އެކަންކަމުން ގައުމު ސަލާމަތް ކުރުން ކަމަށެވެ.

ގައުމަށް ހިޔާނާތްތެރިވެ ގައްދާރުވުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނުދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ބޭނުންހާ ގޮތަކަށް އަމިއްލަ ފައިދާތަކެއް ހޯދަން މިހާރު މި ހިނގާ ބޮޑެތި ކަންކަމެއް ނުހިންގޭނެ. އެއީ ޒީރޯ ޓަލެރެންސް އެންމެ ބޮޑަށް ދޭން ޖެހޭނެ ކަންކަން، އަޅުގަނޑު އެކަން ކުރާނަން،" މުއިއްޒު ވިދާޅުވި އެވެ.

ރާއްޖޭގައި ބޭރު ގައުމުތަކުގެ ސިފައިން ތިބުމަކީ ގައްދާރުވުމުގެ އަމަލެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ. އަދި އެފަދަ އެއްބަސްވުމެއް ބަލައި މިނިވަންކަން ގެއްލޭ ގޮތަށް ހުރި ކަންކަން ހައްލު ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހައްގު ނޫން ގޮތުގައި ހައްޔަރުކުރާ މީހުންނަށް ބަދަލު ނަގައިދިނުމުގެ ގާނޫނެއް ވެސް ވުޖޫދު ކުރައްވާނެ ކަމަށެވެ.

މީގެއިތުރުން ޝަރީއަތް ނިމެންދެން ގިނަ ދުވަހު ބަންދުގައި ތިބޭ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.