އަންނަ ދައުރަށް ފަހު ސިޔާސީ މަސައްކަތުން މުޅިން ރިޓަޔާ ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި މިއަދު ހެނދުނު ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ސިޔާސީ ހަޔާތް ނިންމަވާލެއްވި ނަމަވެސް ރައްޔިތުންނަށް ކޮށްދެވޭނެ ބައެއް މަސައްކަތްތައް ހުންނާނެ ކަމަށާއި ވިސްނުމުގައި ހުންނެވީ އެކަހަލަ ކޮންމެވެސް މަސައްކަތެއްގައި ދުވަސްކޮޅަކު ހުންނެވުން ކަމަށެވެ.

ރައީސް މިހާރު ކެމްޕޭން ކުރައްވަމުން ގެންދަވަނީ ވެރިކަމުގެ ދެވަނަ ދައުރެއް ހޯއްދެވުމަށެވެ. ރައީސް ވިދާޅުވީ ދެވަނަ ދައުރަކަށް ރައްޔިތުން އެމަނިކުފާނު އިންތިޚާބު ކުރައްވާނެކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް ކަމަށެވެ.

"ސިޔާސީ އެއްވެސް މަސައްކަތެއްގައި އަންނަ ދައުރަށް ފަހު ނުފެންނާނެ. އަޅުގަނޑުގެ ޕޮލިޓިކަލް ކެރިއާ އެހާ ހިސާބުން ނިންމާލާނީ،" ޕްރޮގްރާމުގެ ޕްރެޒެންޓަރު އާމިރު ސަލީމް ކުރެއްވި ސުވާލުގެ ޖަވާބުގައި ރައީސް ވިދާޅުވި އެވެ.

ވެރިކަމަށް ކަމަށް ވަޑައިގަތުމުގެ ކުރިން ރައީސް ވަނީ މަޖިލީހުގެ ފާދިއްޕޮޅު ގޮނޑި އަދި ފަހުން ހިންނަވަރު ދާއިރާގެ މެންބަރުކަން 25 އަހަރު ދުވަހު ކުރައްވައިފަ އެވެ.