އަތޮޅުތެރޭގައި ރަށްރަށުގައި އަސާސީ ހިދުމަތް ދިނުމަށް އުފެއްދި ފެނަކައަކީ ދައުލަތަށް އާމްދަނީ ހޯދުމަށް އުފައްދާފައިވާ ކުންފުންޏެއް ނޫން ކަމަށާއި އެއީ އަސާސީ ހިދުމަތް ދިނުމަށް އުފައްދާފައިވާ ކުންފުންޏެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ހދ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅު ނޮޅިވަރަމަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ފެނަކަ އަކީ ހަމައެކަނި ކަރަންޓުގެ ހިދުމަތް ދޭ ކުންފުންޏެއް ނޫން ކަމަށާއި ރަށްރަށުގައި ފެނާއި ނަރުދަމާގެ ހިދުމަތް ދެމުންވެސް އަންނަ ކަމަށެވެ. އަދި އައިސް ޕްލާންޓެއް ހުރިނަމަ އެތަނުގައި ވެސް ހިދުމަތް ދެނީ ފެނަކައިން ކަމަށް ރައީސް ވިދާޅުވި އެވެ.

ނޮޅިވަރަމަށް ރައީސް ވަޑައިގަތުމުން އެރަށުގެ ރައްޔިތުން މަރުހަބާ ދަންނަވަނީ.. ފޮޓޯ:އެމްޑީޕީ

"މި ހުރިހާ ކަމަކަށް މުވައްޒަފުން ބޭނުންވޭ. ފެނަކަ އަކީ ހަމައެކަނި ކަރަންޓު ދޭ ބަޔެއް ނޫނޭ. އަނެއްކާ އަޅުގަނޑުމެންގެ ވިސްނުމެއް ނެތް ފެނަކަ އަކީ މާ ބޮޑު ފައިދާއެއްވާ ތަނަކަށް ހަދާކަށް. އެއީ އަސާސީ ހިދުމަތް ދޭ ސަރުކާރުގެ ކުންފުންޏެއް. ފެނަކަ އަކީ ކޮންމެހެން އަޅުގަނޑުމެން ދައުލަތަށް އާމްދަނީ ހޯދަން ހަދާފައި އޮތް ކުންފުންޏެއް ނޫން،" ފެނަކައިގެ ދަރަންޏާއި އެ ކުންފުނިން ގިނަ އަދަދެއްގެ ބަޔަކަށް ވަޒީފާ ދޭ ކަމަށް ބުނެ އިދިކޮޅުން ދައްކާ ވާހަކަތަކަށް ރައްދު ދެއްވާ ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވި ގޮތުގައި ފެނަކައިގެ ބޭނުމަކީ ރައްޔިތުންނަށް އަސާސީ ހިދުމަތް ފޯރުކޮށްދިނުމާއެކު ރަށްރަށުގައި ތިބެގެން ވަޒީފާ އަދާކުރެވޭނެ ގޮތް ހެދުން ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް ފެނަކައިން ވަޒީފާ ދެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ނޮޅިވަރަމަށް ރައީސް ވަޑައިގަތުމުން އެރަށުގެ ރައްޔިތުން މަރުހަބާ ދަންނަވަނީ.. ފޮޓޯ:އެމްޑީޕީ

ފެނަކައިގެ ދަރަނި އެތައް ބިލިއަން ރުފިޔާއަކަށް އަރަ އެވެ. ވިޔަފާރިތަކަށް މިލިއަނުން ފައިސާ ދައްކަން ޖެހޭއިރު، ފެނަކައާ ގުޅޭ ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް އަންނަނީ އިދިކޮޅުން ފާހަގަ ކުރަމުންނެވެ.

މިދިޔަ އަހަރު ނިމުނު އިރު ފެނަކައިން އެކި ފަރާތްތަކަށް ދައްކަން ހުރި ދަރަނި 2.22 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށާއި ކުންފުނި އޮތީ މާލީ ގޮތުން ނާޒުކު ފައްތަރެއްގައި ކަމަށް، ސަރުކާރު ކުންފުނިތައް ބަލަހައްޓާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)އިން އާންމުކުރި ކުންފުނިތަކުގެ މާލީ ރިޕޯޓުން ދައްކަ އެވެ.