ހުޅުމާލޭގައި މީގެ 10 އަހަރު ކުރިން ހަދަން ފެށި "ސިފްކޯ ހިޔާ" އެޕާޓްމަންޓްތައް ނިންމައި ސިފައިންނާ ހަވާލުކުރަން ފަށައިފި އެވެ.

އެމްއެންޑީއެފް އިން ބުނީ ސިފައިންނާއި ސިފައިންގެ އާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން މީގެ 10 އަހަރު ކުރިން ފެށި "ސިފްކޯ ހިޔާ" މަޝްރޫޢު ނިންމައި، އެތަން ސިފައިންނާއި ސިފައިންގެ އާއިލާތަކަށް ދައްކަން ފަށާފައިވާ ކަމަށެވެ.

މިކަމަށްޓަކައި އިއްޔެ ހަވީރު "ސިފްކޯ ހިޔާ" ފްލެޓް ސަރަހައްދުގައި އޮތް ހަރަކާތުގައި، އެތަން ބަލާލަން ދިޔަ ސިފައިންނާއި ސިފައިންގެ ޢާއިލާތަކަށް މަރުހަބާ ދެންނެވީ ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީއާއި ޗީފް އޮފް ޑިފެންސް ފޯސް، ލެފްޓިނެންޓް ޖެނެރަލް ޝަމާލް އަދި ވައިސް ޗީފް އޮފް ޑިފެންސް ފޯސް، މޭޖަ ޖެނެރަލް އަބްދުއްރަޙީމް އަބްދުއްލަތީފެވެ.

އެމްއެންޑީއެފް އިން ބުނިގޮތުގައި ސިފައިންނާއި ސިފައިންގެ އާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހުޅުމާލޭގައި 2013 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ބިންގާއެޅި "ސިފްކޯ ހިޔާ" ގެ މަޝްރޫއަކީ، ސިފައިންގެ އާއިލާތަކަށް އެކަށީގެންވާ ގޮތެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަގުސަދުގައި ފެށި، ސިފައިންގެ އެތައް އާއިލާތަކެއްގެ އުންމީދުތަކާ ގުޅިފައި އޮތް ހުވަފެނީ މަޝްރޫއެކެވެ.

ހުޅުމާލޭގައި ސިފައިންނަށް ހާއްސަކޮށްގެން ހެދި ސިފްކޯ ހިޔާ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ސިފައިންގެ އިސްވެރިން ބައްލަވާލައްވަނީ. ފޮޓޯ: އެމްއެންޑީއެފް

"މި މަޝްރޫޢުގެ މަސައްކަތްތައް އެކިއެކި ކޮންޓެކްޓަރުންނާ ހަވާލު ކުރެވި، މަސައްކަތް ނުނިމި ދިގު ދެމިގެން ދަނިކޮށް، މަޝްރޫއު ބާރު ސްޕީޑްގައި ގެންގޮސް އެއްކޮށް ނިންމާލާފައި މިވަނީ، ސަރުކާރުން މި މަޝްރޫޢު އަވަސްކަމާއެކު ނިންމުމަށް ދެއްވި އިސްކަމާއި ދިފާއީ ވަޒީރާއި ސިފައިންގެ އިސް ލީޑަޝިޕުން، އަވަސް މިނެއްގައި ތަނުގެ މަސައްކަތް ފުރިހަމަ ކުރުމަށް ބާރު އަޅުއްވައި ކުރެއްވި މަސައްކަތްޕުޅުތަކުގެ ސަބަބުން،" އެމްއެންޑީއެފް އިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

މިގޮތުން ކުރި މަސައްކަތްތަކުން މިހާރު ވަނީ "ސިފްކޯ ހިޔާ"ގެ ތިން ޓަވަރުގައި މީހުން ދިރިއުޅެވޭ ވަރަށް އެތަނުގެ ރެސިޑެންޝަލް ހުރިހާ މަސައްކަތްތަކެއް ނިންމާފައި ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ. އެގޮތުން ފްލެޓުގެ ކޮޓަރިތަކާއި ބަދިގޭގެ ކަބަޑު ސެޓުތައް ވެސް ފުރިހަމަކޮށް ނިންމާފައިވާއިރު، ބަދިގެ ކަބަޑު ސެޓުގައި އަވަނާއި މައިކްރޯ ވޭވާއި އުނދުނުގެ އިތުރުން ހުޑް ވެސް ވަނީ ހަރުކޮށް ނިންމާފައިވާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެ އެވެ. އަދި ފްލެޓްގައި އޭސީއާއި ހީޓަރު ހަރުކޮށް، ތިން ޓަވަރުގެ ޕާމަނަންޓް ކަރަންޓާއި ފެނުގެ ޚިދުމަތް ވެސް މިހާރު ލިބެން ހުރިއިރު، އެ ޓަވަރުތަކުގެ ނަރުދަމާގެ ހުރިހާ މަސައްކަތްތައް ވެސް ވަނީ އެއްކޮށް ނިންމާލާފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ.

ހުޅުމާލޭގައި ސިފައިންނަށް ހާއްސަކޮށްގެން ހެދި ސިފްކޯ ހިޔާ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ސިފައިންގެ އިސްވެރިން ބައްލަވާލައްވަނީ. ފޮޓޯ: އެމްއެންޑީއެފް

އޭގެ އިތުރުން ފުރިހަމައަށް ބޭނުންކުރެވޭ ހާލަތަށް ފްލެޓުތަކުގެ ލިފްޓްތައް ސާވިސްއަށް ގެނެވިފައިވާއިރު، ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ފަސޭހައިން އިންޓަނެޓާއި ޓީވީގެ ޚިދުމަތް ދިނުމަށް ދިރާގާއި އުރީދޫއާއި އެސްއެސްނެޓްގެ އިތުރުން މީޑިއާނެޓުގެ ޚިދުމަތް ދިނުމަށް ބޭނުންވާ ހުރިހާ ކަމެއް ވެސް މިހާރު ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ. މީގެ އިތުރުން ފްލެޓްގެ ސަލާމަތީ ކަންކަން އެންމެ ފުރިހަމަ ގޮތުގައި ބެހެއްޓުމަށް ޓަކައި، ދިމާވެދާނެ އަލިފާނުގެ ހާދިސާއަކުން އެންމެ ފުރިހަމަ ގޮތުގައި ރައްކާތެރިވުމުގެ ގޮތުން، ބޭނުންވާ ހުރިހާ ސަލާމަތީ ވަސީލަތްތައް ވެސް ހަރުކުރެވިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ.

އެމްއެންޑީއެފް އިން ބުނީ "ސިފްކޯ ހިޔާ"ގެ މަސައްކަތްތައް ނިމިފައިވާތީ، ކުރިއަށް އޮތް ދެތިން ދުވަސް ތެރޭގައި ފްލެޓްތައް އެލޮކޭޓްކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.