ޖަލުގައި މަސައްކަތް ކުރާ އޮފިސަރުން ރަސްމީކޮށް ބޮޑީ ވޯން ކެމެރާ ބޭނުން ކުރަން ފަށައިފި އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނީ ޖަލުތަކުގައި މަސައްކަތްކުރާ އޮފިސަރުންގެ ތެރެއިން ކުރީ ސަފުގައި ހަރަކާތްތެރިވާ އޮފިސަރުން ބޯޑީވޯން ކެމެރާ މިއަދުން ފެށިގެން ރަސްމީކޮށް ބޭނުންކުރަން ފަށާފައިވާ ކަމަށެވެ. އެގޮތުން މިހާރު 51 އޮފިސަރަކު ކެމެރާ ބޭނުންކުރާނެ ކަމަށް ކަރެކްޝަންސް އިން ބުނެ އެވެ. އަދި ކުރިއަށް އޮތް ތަނުގައި ގައިދީންނާ މުއާމަލާތް ކުރަން ޖެހޭ ހުރިހާ އޮފިސަރުން މި ކެމެރާ ބޭނުން ކުރާނެ ކަމަށް ކަރެޝަންސްއިން ބުނެ އެވެ.
ބޮޑީވޯން ކެމެރާ އިން އެއްކުރެވޭ މައުލޫމާތުން އަދި ޖަލުތަކުގައި ހިންގާ އެކި އޮޕަރޭޝަންތަކާއި ހައިސެކިޔުރިޓީ ދޭން ޖެހޭ ގައިދީން އެއްތަނުން އަނެއްތަނަށް އުފުލާއިރު ލައިވް ސްޓްރީމް ކުރުމުގެ ގާބިލްކަން ލިބިގެންދާނެ ކަމަށް ކަރެކްޝަންސް އިން ބުނެ އެވެ.
ކެމެރާ އިން އެއްކުރެވޭ މައުލޫމާތަކީ އެއަށް އުނި އިތުރު ނުގެނެވޭނެހެން ރައްކާތެރި ކުރެވި ބަލަހައްޓާނެ މައުލޫމާތު ކަމަށް ކަރެކްޝަންސް އިން ބުނެ އެވެ.
ކަރެކްޝަންސް އިން މިއަދު ބުނީ ބޮޑީވޯން ކެމެރާއާ އެކު، އެ ސާވިސްގެ އޮފިސަރުންގެ ރައްކާތެރިކަމާއި ގައިދީން ބެލެހެއްޓުމުގައި ދިމާވާ މައްސަލަތަކަށް ހައްލު ގެނައުމަށް އެހީއަކަށް ވާނެ ކަމަށެވެ. ހަމަ އެއާ އެކު، ޖަލުތެރޭގެ ހާލަތު ދެނެގަނެ، ދިމާވެދާނެ ހާދިސާއެއް ތަހުގީގު ކުރަން ޖެހޭ ހާލަތުގައި، އެތެރޭންނާއި ބޭރުން އެ ކަމެއް ތަހުގީގުކުރާ ފަރާތްތަކަށް ވީޑީއޯ އަދި އޯޑިއޯ ރެކޯޑިން އޮތުމުން އެ މައްސަލަ ބަލަން ފަސޭހަވެގެންދާނެ ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.
މިއީ ޖަލުގައި ބަންދުކޮށްފައި ތިބޭ ފަރާތްތަކާއި ޕްރިޒަން އޮފިސަރުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް މުހިންމު ދައުރެއް އަދާކުރާނެ ފިޔަވަޅެއް ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.
ކަރެކްޝަންސް އިން ބުނީ ކެމެރާ ބޭނުން ކުރާނެ އުސޫލެއް އެކުލަވާލާ، އެ އުސޫލުގެ މައްޗަށް އޮފިސަރުން ތަމްރީނުކޮށްފައިވާ ކަމަށެވެ.