2003 ވަނަ އަހަރު ނުކުތް "ކަލް ހޯނަ ހޯ"އަކީ އެކްޓްރެސް ޕްރިތީ ޒިންތާގެ ފިލްމީ ހަޔާތުގައި އޭނާ ހަރަކާތްތެރިވި އެންމެ ކާމިޔާބު ފިލްމެވެ. އެހެން ގޮތަކަށް ބުނާނަމަ އޭނާއަށް ފިލްމީ ދުނިޔޭގެ ދޮރު ހުޅުވައިދިން ފިލްމެވެ.

އެ ފިލްމުގައި އޭނާ ދައްކުވައިދިން އެކްޓިންއަށް ގިނަ އެވޯޑްތަކެއްލިބުނު އިރު ގިނަ ބައެއްގެ ތައުރީފް ވެސް ވަނީ ލިބިފަ އެވެ. އެހެން ނަމަވެސް ފާހަަގަ ކޮށްލަންޖެހޭ ކަމަކީ ޕްރިތީއަށް މި ފިލްމު ލިބިފައިވަނީ ވަރަށް ހަނި ގޮތަކަށް ކަމެވެ.

"ކަލް ހޯނަ ހޯ"ގެ އަންހެން ލީޑު ކެރެކްޓަރު ކަމަށްވާ "ނައިނާ"ގެ ރޯލަށް ޕްރޮޑިއުސަރު ކަރަން ޖޯހަރު އެންމެ ފުރަތަމަ ބޭނުންވީ އޭރުގެ ޒުވާން ތަރި ކަރީނާ ކަޕޫރެވެ.

އެހެން ނަމަވެސް ދެފަރާތުގެ މެދުގައި ފިލްމުގެ އަގަކަށް އެއްބަސް ނުވެވުމުން ކަރަން ދެން އެ ފުރުސަތު ދިނީ ޕްރިތީ އަށެވެ. މި މައްސަލާގައި ކަރަންއާއި ކަރީނާއާ ދެމެދު މައްސަލަ ވެސް ޖެހިފައިވެ އެވެ.

ކަރީނާގެ ބަދަލުގައި އެ ފިލްމަށް ޚިޔާރު ކުރެވުމުން ކުރެވުނީ ކޮން ކަހަލަ އިހުސާސެއްތޯ ސުވާލު ކުރެވުމުން ކަރަންގެ ޓޯކް ޝޯ "ކޮފީ ވިތު ކަރަން"ގައި ޕްރިތީ ބުނީ އެކަމާ ގުޅިގެން ވަކި ހާއްސަ އިހުސާސެއް ނުކުރެވޭ ކަމަށާއި ފިހާރައެއްގައި ވެސް އެކަކަށް ކަމުނުދާ އެއްޗެއް ކޮންމެވެސް އެހެން މީހަކަށް ކަމުގޮސްގެން ގަންނާނެ ކަމަށެވެ.

ނައިނާގެ ރޯލު އެންމެ ފުރިހަމައަށް ކުޅެވޭނީ ކޮން ތަރިއަކަށްތޯ ސުވާލު ކުރެވުމުން އެ ފިލްމުގެ ސަޕޯޓިން އެކްޓަރު އަދި ކަރީނާގެ މިހާރުގެ ފިރިމީހާ ސައިފް އަލީ ޚާން ބުނީ މިހާރު ފިލްމު ބަލާލުމުން ޕްރިތީއަށްވުރެ ރަނގަޅަށް އެ ރޯލު ނުކުޅެވޭނެކަން އެނގޭ ކަމަށެވެ.

ޕްރިތީއާއި ސައިފްގެ އިތުރުން ޝާހްރުކް ޚާން މައި ރޯލުތަކުން ފެނިގެންދާ "ކަލް ހޯނަހޯ" އަކީ މިއަދާ ޖެހެންދެން ވެސް ގިނަ ބައެއްގެ ހިތުން ޖާގަ ހޯދާފައިވާ ރީތި ފިލްމެކެވެ.