ބޮލުގެ އިސްތަށިތައް ނުރަވުމަކީ އުމުރުން ދުވަސްވާވަރަކަށް ކުރިމަތިވާ ކަމެއް ކަމުގައި ހީވެފައި އޮތް ނަމަވެސް ވަރަށް ޒުވާން އުމުރުގައި އިސްތަށިތައް ނުރަވާން ފަށާ މީހުން ވެސް އުޅެ އެވެ.
އިސްތަށިގަނޑުގެ ގުދުރަތީ ކުލައަކީ އިސްތަށިތަކުގެ ބުޑުގައި އެކުލެވޭ މެލަނިން ނަމަކަށް ކިޔާ ކެމިކަލްއެއް ގެނުވާ ކުލައެކެވެ. އުމުރުން ދުވަސްވާ ވަރަކަށް މެލަނިން އުފެދުން މަދުވެ، އިސްތަށިތަކުގެ ގުދުރަތީ ކުލައިން ހުދު ކުލައަށް ބަދަލުވެ އެވެ.
އުމުރުން ދުވަސްވުމުގެ އިތުރުން ނުރަވުމަށް މެދުވެރިވާ އެހެން ސަބަބުތަކެއް ވެސް ހުރެ އެވެ. އޭގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވެނީ ޖެނެޓިކްސް އެވެ. ތިބާގެ މައިން ބަފައިންގެ ފަރާތުން މިކަން ވާރުތަވުމުގެ ފުރުސަތު ބޮޑެވެ.
މީގެ އިތުރުން ނަސްލަކީ ވެސް ނުރަ ޖެހުމުގައި ދައުރެއް އަދާކުރާ ކަމެކެވެ. އެމެރިކާ އަދި އޭޝިއާ ނަސްލުގެ މީހުން އުމުރުން 30ގެ އަހަރުތަކުގައި ނުރަ ޖަހަން ފަށާއިރު، އެފްރިކާ ނަސްލުގެ މީހުން ނުރަ ޖަހަން ފަށަނީ އެ މީހުންގެ އުމުރުން 40ގެ އަހަރުތަކުގަ އެވެ.
މިއާއެކު ބައެއް ސިއްހީ މައްސަލަތަކަކީ ވެސް ނުރަ ޖެހުމަށް މެދުވެރިވާ ސަބަބުތަކެވެ. އެގޮތުން ހަށިގަނޑުގައި ވިޓަމިން ބީ12 މަދުވުމާއި ތައިރޮއިޑް ބަލި ހުންނަ މީހުންގެ އިތުރުން ހުދު ބަލި ޖެހިފައިވާ މީހުންގެ ބޮލުގެ އިސްތަށިގަނޑު އަވަހަށް ނުރަވެ އެވެ.
ދިރިއުޅުމުގެ ބައެއް އާދަތަކަކީ ވެސް ނުރަޖަހަން މެދުވެރިވާ ކަމެއްގެ ގޮތުގައި މާހިރުން ސިފަ ކުރެ އެވެ. އެގޮތުން ސްޓްރެސް ބޮޑު ވަޒީފާތައް އަދާ ކުރުމާއި ދުންފަތުގެ އިސްތިއުމާލުކުރުމަކީ ފާހަގަ ކޮށްލެވޭ އާދަތަކެވެ.
ނުރަ އުފުރުމަކީ އަހަރުމެންގެ ތެރޭގައި ވަރަށް އާއްމު ކަމެކެވެ. ނުރަ އުފުރުމަކީ ސިއްހީ ގޮތުން މާބޮޑު ގެއްލުމެއް ލިބޭ ކަމަކަށް ނުވިޔަސް އެދެވިގެން ވަނީ ނުއުފުރުމެވެ. އެއީ އުފުރުމުގެ ތެރޭގައި އިސްތަށިގަނޑަށް ގެެއްލުން ލިިިބިދާނެތީ އެވެ.
ނުރަ އިސްތަށިތަކަކީ އެހެން އިސްތަށިތަކަށް ވުރެ ހިމަ އިސްތަށިތަކަށްވުމާއެކު އެ އިސްތަށިތަކަކީ ނާޒުކު އިސްތަށިތަކެކެވެ. ނުރަ ފިލުވަން ބޭނުން ނަމަ އެ އިސްތަށިތަކަށް ގެއްލުން ނުވާނެ ގޮތްތައް އިހްތިޔާރު ކުރާށެވެ.