ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތަކީ ކުށް ސާބިތުވެފައި ތިބި ފާސިގުން ކަމަށާއި ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް އެ މީހުންގެ ހެކިބަސް ގަބޫލު ނުކުރެވޭނެ ކަމަށް ރައީސް ޔާމީންގެ އިސްތިއުނާފު މައްސަލާގައި ރައުޔު ތަފާތުވި ފަނޑިޔާރު ހުސައިން ޝަހީދު ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން ފަސް އަހަރަށް ޖަލަށްލާން ކުރި ހުކުމް ހައި ކޯޓުން މިއަދު ދެމެހެއްޓީ ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުންނެވެ. ރައުޔު ތަފަތުވި ފަނޑިޔާރު ޝަހީދުގެ ރައުޔުގައިވަނީ ބޮޑެތި ކުށްތައް ސާބިތުވެފައި ފާސިގުން ހެކިބަސް ގަބޫލު ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ކަމަށާއި އިސްލާމީ ޝަރީއަތުގައި ވެސް އޮންނަނީ އެގޮތަށް ކަމަށެވެ. އަދި އަދީބާއި ޒިޔަތަކީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި ކުށް ސާބިތުވެފައި ތިބި ބަޔަކަށް ވާތީ އެ މީހުންގެ ހެކިބަސް ޔާމީނާ ދެކޮޅަށް ގަބޫލު ނުކުރެވޭނެ ކަމަށް ޝަހީދު ވިދާޅުވި އެވެ.

"އެ ފަރާތްތަކުގެ ބަހަކީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކަށް ބެލިޔަސް، ޝަރީއަތަށް ބަލައިނުގަނެވޭނެ ފަދަ ބާތިލް ހެކިބަހެއް،" ހުކުމް އިއްވަމުން ޝަހީދު ވިދާޅުވި އެވެ.

އަދީބާއި ޒިޔަތަކީ ކުށް ކުރުމުގެ ބައިވެރިންތަކެއް ކަމަށާއި އެއް ކުށެއްގައި ބައިވެރިވި ބަޔަކު އަނެއް ބައިވެރިއަކާ އެއްކޮޅަށް ނުވަތަ ހެކިބަސް ނުދެވޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާތީ އެގޮތުން ބެލިޔަސް، އެ މީހުންގެ ހެކިބަސް ގަބޫލު ނުކުރެވޭނެ ކަމަށް ޝަހީދު ވިދާޅުވި އެވެ. އަދި އެ މީހުންނަކީ އެކިފަހަރު އެކި ގޮތަށް ވާހަކަ ދައްކާފައިވާތީ އެ މީހުންގެ ހެކިބަހުގެ ތެދުކަން ކަށަވަރުނުވާ ކަމަށް ޝަހީދު ވިދާޅުވި އެވެ.

ޝަހީދު އެގޮތަށް ވިދާޅުވިއިރު، ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު ހުސައިން މަޒީދުގެ ރައުޔަކީ އެ މީހުންގެ ހެކިބަހަށް އެކަނި ރިއާޔަތް ނުކުރެވުނަސް، އެ މީހުންގެ ބަހަށް ބާރު ލިބޭނެ އިތުރު ހެކި އެބަހުރި ކަމަށެވެ. އަދި އެ މީހުންގެ ހެކިބަސް ބަލައިނުގަތަސް، ޔާމީންގެ މައްޗަށް ކުށް ސާބިތުވާނެ ކަމަށް އެ ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތު ރައުޔުގައިވެ އެވެ.

ޝަހީދުގެ ރައުޔުގައިވަނީ ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރުގެ މުއާމަލާތުގައި އެމަނިކުފާނު އަމަލު ކުރައްވާފައިވަނީ ހެޔޮ ނިޔަތުގައި ކަމަށާއި އެއީ މަނީ ލޯންޑްރިންގެ އަމަލެއް ކަމަށް ބަލާނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ. އަދި ޔާމީނާއި އޭސީސީއާ އެކު ހެދި އެސްކްރޯ އެކައުންޓަށް އެމަނިކުފާނު ޖަމާކުރީ އެހެން ފައިސާތަކެއް ކަމަށް ބުނެ ދައުލަތުން ދައްކަނީ އެއްވެސް މާނައެއް ނެތް، ހަމަނުޖެހޭ ވާހަކަތަކެއް ކަމަށް ޝަހީދު ވިދާޅުވި އެވެ. ބޭންކަށް ޖަމާކުރާ ފައިސާއެއް އަލުން ނަގާއިރު ކުރިން ސީދާ ކުރިން ޖަމާކުރި ނޫޓުތައް ލިބޭނެ ގޮތެއް ނޯންނާނެ ކަމަށާއި އެހެންކަމުން އެހެން ފައިސާއެއް ޖަމާ ކުރުމަކީ މައްސަލައެއް ނޫން ކަމަށް އޭނާގެ ރައުޔުގައިވެ އެވެ.

"މިއީ މަނީ ލޯންޑްރިންގެ ކުށެއް ނޫންކަން އެނގޭ،" ޝަހީދު ވިދާޅުވި އެވެ.

ޝަހީދު ވިދާޅުވީ އެ މައްސަލާގައި ޔާމީން ކުށްވެރިވާ ނަމަ، އެސްއޯއެފްގެ އެކައުންޓުން ފައިސާ ޖަމާވި އެންމެން ވެސް ކުށްވެރިވާނެ ކަމަށެވެ.