ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމަށް ފޯނުން ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ ޕާޓީތަކާ އެކު އިއްޔެ ވެސް މަޝްވަރާ ކުރެވުނު ކަމަށާއި ދެ ބަޔަކު ނޫނީ ތިން ބަޔަކު ގުޅޭނެ ކަމަށް ގަބޫލް ކުރެވޭ ކަމަށް. އެކަން ކުރެވުނީމާ ލިބޭނެ ފުދޭވަރެއްގެ ކުރިއެރުމެއް.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ނުދިޔަ ޕާޓީތަކުގެ ތެރޭން ބައެއް ޕާޓީތަކުން ސަރުކާރު ކޯލިޝަނާ އެކު ކުރިއަށްދާނެ ކަމުގެ ފެހި ސިގްނަލް ލިބިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމަށް ފޯނުން ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ ޕާޓީތަކާ އެކު އިއްޔެ ވެސް މަޝްވަރާ ކުރެވުނު ކަމަށާއި ދެ ބަޔަކު ނޫނީ ތިން ބަޔަކު ގުޅޭނެ ކަމަށް ގަބޫލް ކުރެވޭ ކަމަށެވެ.

"އަޅުގަނޑުމެން ވެސް އެބަ ވާހަކަ ދައްކަން ދެވަނަ ބުރަކަށް ނުދިޔަ ޕާޓީތަކާ. އަޅުގަނޑުމެންނާ އެކު ކުރިއަށްދާނެ ކަމުގެ ފެހި ސިގްނަލް ދެއްވާފައި ތިބި ބައެއް ބޭފުޅުން އެބަތިބި. ރަސްމީކޮށް އެކަން އިއުލާން ކުރެވޭ ހިސާބަކަށް އަދި ނުދޭ. ދެން އޮތް މަސައްކަތަކަށް ވާނީ އެކަން ކުރުން. އެކަން ކުރެވުނީމާ ލިބޭނެ ފުދޭވަރެއްގެ ކުރިއެރުމެއް،" ރައީސް ވިދާޅުވި އެވެ.

ދޮގު ވާހަކަތަކަށް އަޅައި ނުލައި ނުހުންނާނަން، ރައްދު ދޭނަން

ރައީސް ވިދާޅުވީ ކެމްޕޭންތަކުގައި ސަރުކާރަށް އަމާޒުކޮށް އިދިކޮޅު ފަރާތްތަކުން ދެއްކި ދޮގު ވާހަކަތަކެއް އެބަހުރި ކަމަށާއި އެއަށް އެކަށީގެންވާ ރައްދު ނުދެވުމަކީ ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުން ކަމަށެވެ.

"އޭގެ ތެރޭގައި ގައުމުގެ މިނިވަންކަމާއި އިސްތިގްލާލް ގެއްލުވާލަން އަޅުގަނޑުމެން މަސައްކަތްކޮށްފައިވާ ކަމަށް ވާހަކަ ދައްކާފައި އެބަހުރި. ބޭރުގެ ސިފައިން ތިބޭ ވާހަކަ އާއި އެކަހަލަ ދޮގު ވާހަކަތައް ދައްކައިގެން ރައްޔިތުންނަށް އެކަންކަން ގަބޫލް ކުރެވޭ ވަރަށް ވަނީ ދައްކާފައި. އެއީ ވެސް ހަގީގަތެއް ހުރި ވާހަކަތަކެއް ނޫން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާން ވިދާޅުވީ ދެވަނަ ބުރުގައި އެކަންކަމަށް ރައްދުދީ، އޮޅުން ފިލުވައިދީ، ހާމަކުރެވެން ހުރި ހުރިހާ މައުލޫމާތެއް ހާމަކުރައްވާނެ ކަމަށެވެ.

"ރާއްޖޭގެ ސަރަހައްދުން އެއްވެސް ބައެއް ގެއްލޭފަދަ ކަމެއް ކޮށްފައެއް ނޯންނާނެ. އެ އެއްޗެހި ކިޔައިދިނީމާ ރައްޔިތުންނަށް ވިސްނޭނެ އެއީ އޮޅުވާލުމުގެ ތެރޭން ދައްކާފައި ހުރި ވާހަކަތައް ކަމަށް،" ރައީސް ވިދާޅުވި އެވެ.

https://fb.watch/m_sw8q04MH/

ފުރަތަމަ ބުރުގެ އެންމެ ބޮޑު މައްސަލަ އަކީ ޓާންއައުޓް ދަށްވުން

ރައީސް ވިދާޅުވީ ފުރަތަމަ ބުރުގައި ދިމާވި އެންމެ ބޮޑު މައްސަލަ އަކީ ޓާންއައުޓް ދަށްވުން ކަމަށެވެ. ޕްލެޖް ވޯޓާއި ވޯޓުދޭން ނިންމައިގެން ތިބި މީހުންނަށް ވޯޓު ނުލެވިހުރިކަން ރައީސް ވަނީ ފާހަގަ ކުރައްވައިފަ އެވެ.

"އިދާރީ ގޮތުން ރަނގަޅުކޮށްލަން ޖެހޭ ބައެއް ކަންކަން އެބަހުރި. ބައެއް ރަށްރަށުގައި ޕްލެޖް ވޯޓުގެ ތެރޭން 300-400 ވޯޓު އެބަހުރި ނުލެވި. އެއީ ކިހިނެއްވީ ކަމެއްތޯ ބަލައި އެކަން ކަމަށް ސަމާލުކަން ދެމުން މިދަނީ،" ރައީސް ވިދާޅުވި އެވެ. "ބައެއް ދާއިރާތަކުން މި ބުނަނީ ވޯޓުލާ ގަޑި ޓަސްލާފައި 4 ޖެހީމާ ބަންދުވީމާ ބައެއް މީހުންނަށް ވޯޓުލާން ތިބި މީހުންނަށް ނާދެވުނީއްޔޭ. އަނެއް ކަމަކަށް ވޯޓުލާން މީހުން ނެރެން ކުރިން ކުރެވުނު ވަރަށް މިފަހަރު މަސައްކަތް ނުކުރެވުނު ކަމަށް އެބަ ފާހަގަކުރެވޭ."

"ރާއްޖޭގެ ސަރަހައްދުން އެއްވެސް ބައެއް ގެއްލޭފަދަ ކަމެއް ކޮށްފައެއް ނޯންނާނެ. އެ އެއްޗެހި ކިޔައިދިނީމާ ރައްޔިތުންނަށް ވިސްނޭނެ އެއީ އޮޅުވާލުމުގެ ތެރޭން ދައްކާފައި ހުރި ވާހަކަތައް ކަމަށް
ރައީސް

"އިރާދަކުރެއްވިއްޔާ މިކަން ބަދަލުވީމާ އަޅުގަނޑުމެންގެ ޕްލެޖް ވޯޓު ލިސްޓަށް ބަލައި މިއީ ނުވާނެ ކަމެއް ކަމަކަށް ނުފެނޭ."

މިފަހަރުގެ އިންތިޚާބުގައި ވޯޓުލީ މީހުންގެ ނިސްބަތް އުޅެނީ އެހެން ފަހަރުތަކަށް ވުރެ ދަށުގަ އެވެ. މި އަހަރުގެ އިންތިޚާބުގައި ވޯޓުލާފައި ވަނީ ގާތްގަނޑަކަށް 79 ޕަސެންޓް މީހުންނެވެ.

މި މަހު 30 ވަނަ ދުވަހު ބާއްވާ ދެ ވަނަ ބުރުގައި ވާދަކުރައްވާނީ، ފުރަތަމަ ބުރުން އެންމެ ގިނަ ވޯޓު ހޯއްދެވި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. މުއިއްޒަށް 101،128 ވޯޓް (46 ޕަސެންޓް) ލިބިވަޑައިގެންނެވި އިރު ރައީސް ސޯލިހަށް 85،000 ވޯޓު (39 ޕަސެންޓް) ލިިބިވަޑައިގެންފައިވެ އެވެ.