މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކޯލިޝަން ހެދުމާއި މެދުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއާއެކު މަޝްވަރާ ކުރެއްވުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަން އައިލެންޑަށް ވަޑައިގަތުމަށް ނިންމަވައިފި އެވެ.
ރައީސް ސޯލިހު ގާސިމާއި ބައްދަލު ކުރެއްވުމަށް ސަން އައިލެންޑަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރުފަހު 1:00 ގައި އެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ގާސިމަށް ލިބުނީ 5،460 ވޯޓެވެ. އެއީ ވޯޓް ލީ މީހުންގެ 2.47 އިންސައްތަ އެވެ. މިހާތަނަށް ކޯލިޝަން ހެދުމާއި މެދުގައި ގާސިމް ވަކި ގޮތެއް ނިންމާފައިނުވެ އެވެ.
ޖުމްހޫރީ ޕާޓީން ވަނީ މިކަމާއި މެދުގައި ގޮތެއް ނިންމުމަށް އެޕާޓީގެ ކައުންސިލު ބައްދަލުވުމެއް މިއަދު ބޭއްވުމަށް ނިންމާފަ އެވެ. އެހެން ނަމަވެސް މިއަދު ބޭއްވުމަށް ނިންމާފައިވާ ބައްދަލުވުން މިހާރު ވަނީ ފަސްކޮށްފަ އެވެ. އެއީ ގާސިމާއި ރައީސް ސޯލިހު މިއަދު ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާތީ އެވެ.
އިދިކޮޅު ޕީޕީއެމް/ޕީއެންސީއިން ވަނީ ރޭ ގާސިމް އާއި ބައްދަލުކޮށް ދެ ވަނަ ބުރުގައި ކޯލިޝަން ހެދުމާއި މެދުގައި މަޝްވަރާ ކޮށްފަ އެވެ.
ރައީސް އާއި ގާސިމް މިއަދު ބައްދަލުކުރައްވާއިރު، ޖުމްހޫރީ ޕާޓީ އަކީ ކޯލިޝަންގެ މި ސަރުކާރު ގެނައުމަށް އަދި މިހާރު ވެސް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީއެކެވެ. ނަމަވެސް، ކެމްޕެއިން ތެރޭގައި ގާސިމް ވަނީ ރައީސަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ސަރުކާރު ބަދަލުކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.
މިފަހަރުގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީއަށް ގާސިމް އުއްމީދުކުރިވަރާ ގާތަށް ވެސް ވޯޓެއް ނުލިބެ އެވެ. އެކަމަކު އެ ޕާޓީއަކީ މީގެ ކުރިން އިންތިހާބުތައް ކާމިޔާބުކުރަން މުހިއްމު ދައުރެއް އަދާކުރާ ޕާޓީއެކެވެ. މިފަހަރު އިންތިހާބުގައި ލިބުނު ނާކާމިޔާބީއާ އެކު ޖޭޕީގެ މައްޗަށް، އަލަށް އުފެއްދި ޕާޓީތަކުން ވަނީ ކުރި ހޯދައިފަ އެވެ.
މި އިންތިހާބުގައި ޖޭޕީއަށް ތިން ވަނައަށް އެންމެ ގިނަ ވޯޓު ނުލިބުނަސް 2008 ވަނަ އަހަރާއި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކާމިޔާބު ހޯދީ ޖުމްހޫރީ ޕާޓީން ތާއިދުކުރި ކެންޑިޑޭޓުންނެވެ.