ސ. މަރަދޫ ފޭދޫގައި ވަޅި ހަރައި މަރާލި އެ ރަށު ބްލޫސްޓާ، އަހުމަދު ޝުއައިބު މަރާލި މައްސަލާގައި އޭނާގެ ކޮއްކޮ ހުސައިން މަވާޒްގެ މައްޗަށް ކުށް ސާވިތުވުމުން އޭނާ 12 އަހަރަށް ޖަލަށް ލުމަށް މިއަދު ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
މަވާޒު އޭނާގެ ބޭބެ ޝުއައިބުއަށް ހަމަލާދީ މަރާލާފައި ވަނީ މިދިޔަ މޭ މަހުގެ 31 ވަނަ ދުވަހުގެ ރެ އެވެ.
އެ މައްސަލައިގައި މަވާޒުގެ މައްޗަށް އުފުލީ ގަސްތުގައި މީހަކު މެރުމުގެ ދައުވާ އެވެ.
މިމައްސަލާގައި އެންމެ ފަހުން ބޭއްވި އަޑު އެހުމުގައި މަވާޒު ވނީ ކުށަށް އިއުތިރާފުވެ ތައުބާވާން ބޭނުންވާ ކަމަށް ޝަރީއަތުގައި ބުނެފަ އެވެ. އޭނާގެ އިއުތިރާފާ އެކު މައްސަލަ ކުރިއަށް ގެންދިޔައީ އަވަސް ނިޔާގެ ޝަރީއަތެއްގެ ގޮތަށެވެ.
މި މައްސަލާގައި ހުކުމް އިއްވުމަށް ބޭއްވި އަޑުއެހުމުގައި ގާޒީ އާދަމް މުހައްމަދު ވަނީ މަވާޒުގެ އިއުތިރާފަކީ ސައްހަ އިއުތިރާފެއް ކަމަށް ކަނޑައަޅައި، އޭނާގެ މައްޗަށް އިއްވާފައިވާ އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާ އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށް ނިންމާފަ އެވެ.
ތަހުގީގު މަރުހަލާއިން ފެށިގެން ފެށުނީއްސުރެ ކުށް ގަބޫލުކޮށް، އިއުތިރާފްވެ އަދި އެއްބާރުލުން ދޭތީ މައްސަލަ ބެއްލެވި ގާޒީ އާދަމް މުހައްމަދު ހުކުމް ކުރެއްވީ އެއްބަސްވުމުގައި ކަނޑައަޅާފައިވާ ގޮތަށް 12 އަހަރާއި ހަ މަސް ދުވަހަށް ޖަލަށް ލުމަށެވެ. އަދި ކައްފާރާގެ ގޮތުގައި 60 ދުވަހު ރޯދަ ހިފުމަށް ވެސް ހުކުމް ކުރި އެވެ.
ޝުއައިބުއަށް މަވާޒު ހަމަލާ ދިނީ އެ ދެ މީހުން ދިރިއުޅޭ ގެ ކައިރީގައި މަގުމަތިންނެވެ. ކަތުރެއް ކަމަށް ބެލެވޭ އެއްޗަކުން ދިން ހަމަލާގައި ޝުއައިބު މަރުވީ އެ ޒަހަމަތަކަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށެވެ.