ލަންޑަން (22 ޖެނުއަރީ) - އިނގިރޭސިވިލާތުން ފެނުނު ކޮވިޑްގެ އައު ވޭރިއަންޓް، ކުރިން ހީކުރި ވަރަށް ވުރެ މާ ނުރައްކާ ކަމަށް އެ ގައުމުން ބުނެފި އެވެ.

އިނގިރޭސިވިލާތުން ފެނުނު ކޮވިޑްގެ އައު ވޭރިއަންޓްގެ ތަހްލީލްތަކެއް ހެދި އެ ގައުމުގެ ނިއު އެންޑް އެމާޖިން ރެސްޕިރޭޓަރީ ވައިރަސް ތްރެޓްސް ގްރޫޕްގެ ވަގުތީ ނަތީޖާ ވަނީ އެ ގައުމުގެ ސަރުކާރާ ހަވާލުކޮށްފަ އެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޯރިސް ޖޯންސަން ވަނީ ކޮވިޑްގެ ކުރީގެ ވޭރިއަންޓްތަކާ ހިލާފަށް އަލަށް ފެނުނު ވޭރިއަންޓް ފެތުރޭލެއް އަވަސް ކަމަށް ކުރިން ވިދާޅުވެފަ އެވެ. އަދި އަވަހަށް ފެތުރުމުގެ އިތުރުން ފަހުން ހެދި ޓެސްޓްތަކުގެ ނަތީޖާތަކުން ދައްކާ ގޮތުގައި މި ވޭރިއަންޓްގައި މަރުވާ މީހުންގެ އަދަދު ވެސް ކުރީގެ ވައްތަރުތަކަށް ވުރެ ބޮޑެވެ.

އިނގިރޭސި ވިލާތުގެ ކޮވިޑް ފެތުރުން އިންތިހާ އަށް އިތުރުވެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭންޖެހޭ މީހުން ވެސް ވަނީ އިތުރުވެފަ އެވެ.

އިނގިރޭސި ސަރުކާރުގެ ޗީފް ސައިންޓިފިކް އެޑްވައިޒަރު ސާ ޕެޓްރިކް ވެލެންސް ވިދާޅުވިގޮތުގައި މިހާތަނަށް ކުރި ތަހުލީލުތަކުން ލިބުނީ ވަގުތީ ނަތީޖާއެއް ކަމަށްވާތީ މިކަމުގައި ވަކިގޮތަކަށް ނިންމުން އަދި މާ އަވަހެވެ. ނަމަވެސް ޔަގީންވާކަމަކީ ވައިރަސްގެ އާ ވޭރިއަންޓް ފެތުރޭލެއް އަވަސްވެފައި މޯޓަލިލީ ރޭޓް ވެސް ބޮޑުކަމެވެ.

އޭނާ ވިދާޅުވި ގޮތުގައި އައު ވޭރިއަންޓްގައި މަރުވާ ރޭޓް ކުރީގެ ވައްތަރުތަކަށް ވުރެ 30 ޕަސެންޓް ނުރައްކަލެވެ.

މިސާލަކަށް 60 އަހަރުގެ 1،000 މީހުން ކޮވިޑްގެ ކުރީގެ ވައްތަރަށް ޕޮޒިޓިވްވެ، އޭގެ ތެރެއިން ދިހަ މީހުން މަރުވާނެ ކަމަށް ލަފާކުރެވޭނަމަ އަލަށް ފެނުނު ވައްތަރު ޖެހިގެން އޭގެ ތެރެއިން މަރުވާނީ 13 މީހުންނެވެ.

އިނގިރޭސިވިލާތުން ކޮވިޑްގެ އައު ވޭރިއަންޓް އެންމެ ފުރަތަމަ ފެނުނީ ސެޕްޓެމްބަރުމަހު ކެންޓް އިންނެވެ. މިހާރު މި ވައްތަރު ވަނީ 50 އަށްވުރެ ގިނަ ގައުމަށް ފެތުރިފަ އެވެ.

ވެކްސިން އުފައްދާ ކުންފުނި އެސްޓްރާ ޒެނެކާ އަދި ފައިޒާ އިން އުފެއްދި ވެކްސިން ވެސް އަލަށް ފެނުނު ވައިރަސްގެ އައު ވައްތަރާ ދެކޮޅަށް މަސައްކަތްކުރުމުގެ ގާބިލްކަން ލިބިފައިވާ ކަމަށް އެ ދެ ކުންފުނިން ވެސް ވަނީ ބުނެފަ އެވެ.

ސާ ޕެޓްރިކް ވިދާޅުވީ ސައުތު އެފްރިކާ އަދި ބްރެޒިލްއިން ފެނުނު ކޮވިޑްގެ އައު ވޭރިއަންޓް ވެކްސިނަށް ގުޑުމާމެދު ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ. އަދި މިހާތަނަށް ހެދި ޓެސްޓްތަކުން މި ދެ ގައުމުން ފެނުނު ވައިރަސްގެ ވައްތަރުތަކުގެ ތަފާތުކަމެއް ފާހަގަ ކުރެވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެހެންކަމުން ވެކްސިނުން އެންމެ އެދެވޭ ނަތީޖާ ނުކުމެދާނެކަމާ މެދު ވަނީ ސުވާލު އުފެދިފަ އެވެ. – ބީބީސީ