ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރައާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހައްލުތަކެއް ގެނެސް ދެއްވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ސިއްހީ ދާއިރާގެ މުސާރައިގެ އޮނިގަނޑަށް ގެނެވުނު ބަދަލާ ގުޅިގެން، ބަންދު ދުވަސްތަކުގައި މަސައްކަތް ކުރުމުން މެޑިކަލް އޮފިސަރުންނަށް އެޓެންޑަންސް އެލަވަންސް ނުލިބޭ ގޮތަށް އޮތްއޮތުން ބަދަލުކޮށް، އެ އެލަވަންސް ލިބޭ ގޮތަށް ރައީސް ހަމަޖައްސަވާފައިވާ ކަމަށެވެ.

މިއުވާން ވިދާޅުވީ ނަރުހުންގެ މުސާރައިގެ އޮނިގަނޑަށް ގެނެވުނު ބަދަލާ ގުޅިގެން، އައިޖީއެމްއެޗްގައި މަސައްކަތްކުރާ ނަރުހުންގެ ފަރާތުން ލިބިފައިވާ ޕެޓިޝަންގައިވާ ކަންކަމަށް ހައްލެއް ގެނައުމަށް ވެސް ރައީސް ނިންމަވައިފަ އެވެ. އެގޮތުން، ރަސްމީ ބަންދު ދުވަސްތަކުގައި މަސައްކަތްކުރާނަމަ ނަރުހުންނަށް ވެސް އެޓެންޑަންސް އެލަވަންސް ލިބޭނެ ގޮތަށް ވަނީ ހަމަޖައްސަވާފަ އެވެ. އަދި ސިއްހީ ފަރުވާދޭ ތަންތަނުގައި މަސައްކަތްކުރާ ނަން-ކްލިނިކަލް ނަރުހުން، ކްލިނިކަލް ނަރުހުންނަށް ބަދަލުކުރުމަށް ވެސް ވަނީ ނިންމަވާފަ އެވެ.

މިއުވާން ވިދާޅުވީ އާ އޮނިގަނޑުގެ ދަށުން މަގާމު ދަށްވާ ނަރުހުންގެ ތެރެއިން މަސައްކަތުގެ މަސްއޫލިއްޔަތަށް ބަދަލެއް ނާންނަ ނަރުހުންގެ މަގާމު ދަށްނުކޮށް ކުރިން ތިބި މަގާމުގައި ބޭތިއްބުމަށް ވެސް ރައީސް ނިންމަވާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ 2018 ގައި ކިޔެވުމަށް ގްރޭސް ޕީރިއަޑް ދީފައިވާ ނަރުހުންގެ ގްރޭސް ޕީރިއަޑް 2026 އާ ހަމައަށް އިތުރު ކުރުމަށާއި އާ އޮނިގަނޑަށް ހިޖުރަކުރުމުގައި މައްސަލަ ދިމާވެފައިވާ ކަމަށް ފާހަގަވެފައިވާ ނުވަ ނަރުހުންގެ މައްސަލަ ހައްލުކުރުމަށް ވެސް ރައީސް ނިންމަވާފައިވާ ކަމަށެވެ.

ރައީސް އެ ނިންމެވުންތައް ނިންމަވާފައިވަނީ ޑޮކްޓަރުންނާއި ނަރުހުން އަދި ޓީޗަރުންނަށް ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށް އެމަނިކުފާނަށް ގަބޫލުފުޅު ކުރެއްވޭތީ އެ ދާއިރާތަކުގެ އެކި ބޭފުޅުންނާ މަޝްވަރާ ކުރެއްވުމަށްފަހު އަދި އެ ބޭފުޅުންގެ ލަފާގެ މަތީން ކަމަށް މިއުވާން ވިދާޅުވި އެވެ.