ލޭމައްޗަށް ދިއުމަކީ އަހަރުމެންގެ މުޖުތަމައުގައި އާއްމު ބައްޔަކަށް މިވަނީ ވެފަ އެވެ. ރަނގަޅަށް ފަރުވާ ނުކުރެވިއްޖެނަމަ މިއީ ހިތުގެ ބަލިތަކަށް މަގުފަހިވެ ފުރާނައަށް ވެސް ނުރައްކާ ކުރުވާ ކަމެކެވެ. އެހެން ކަމުން މިކަމުގެ އެންމެ ފުރަތަމަ އަލާމާތްތައް ދެނެގަތުމަކީ މުހިއްމު ކަމެކެވެ.
ބޮލުގައި ރިއްސުން
ބޮލުގައި ރިހުމަކީ ގިނަފަހަރަށް އަޅާނުލެއި ދޫކޮށްލެވޭ ކަމެއް ނަމަވެސް އެއީ ލޭމައްޗަށް ދާ ކަމުގެ ފުރަތަމަ ޢަލާމާތެވެ. މާ ގަދަޔަށް ބޮލުގައި ރިއްސާނަމަ އެ ރިހުން މައިގްރޭނަށް ބަދަލުވެ ބޮލުގެ އެއްފަޅީގައި ވިންދު ޖަހާގޮތަށް ރިއްސުން އެކަށީގެންވެ އެވެ.
ބޯ އެނބުރުން
ލޭމައްޗަށްދާ މީހުންގެ ކަނދުރާގަޔާއި ކަންފަތުގެ އިތުރުން މޭގައި ވިންދު ޖަހާ ހެން އިޙްސާސްވުމަކީ ވަރަށް ޢާންމު ކަމެކެވެ. މިކަމުގެ ސަބަބުން ބޯ އަނބުރާގޮތް މެދުވެރިވެ އެވެ.
ނޭފަތުން ލޭ އައުން
ނޭފަތަކީ ވަރަށް ނާޒުކު ލޭނާރުތަކެއް ހިމެނޭ ގުނަވަނެކެވެ. އެހެންކަމަށްވުމާއެކު ކުއްލިއަކަށް ލޭގެ ޕްރެޝަރު މަތިވުމުން ނޭފަތުން ލޭ އަންނަ ގޮތްވެ އެވެ.
ނޭވާ ކުރުވުން
މެޔަށް ތަދުވުމާއިއެކު ނޭވާ ކުރުވުމަކީ ލޭމައްޗަށް ދާ ފަރާތްތަކުގެ ކިބައިން އެންމެ ފުރަތަމަ ފެންނަން ފަށާ ޢަލާމާތްތަކުގެ ތެރޭގައި ހިމެނޭ އަލާމާތެކެވެ.
ވަރުބަލިވުން
ލޭ މައްޗަށް ދިއުމުގެ ސަބަބުން ގައިގެ ވަރު ދެރަވުމާއި ވަރުބަލިކަން އިޙްސާސް ކުރެވެ އެވެ. ވަރުބަލިވުމުގެ ސަބަބުން ބޯ އެނބުރުމާއި ނިދަން އުނދަގޫވުމުގެ މައްސަލަވެސް ކުރިމަތިވުން އެކަށީގެންވެ އެވެ.